މަހިބަދޫ ސްޕޯޓްސް ކްލަބުގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދާ ޓީސީ ސްޕޯޓްސް ކްލަބުން ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީއިން ކާމިޔާބުކުރީ 3-2 އިންނެވެ.
މެޗުގެ ކުރީކޮޅު މަހިބަދޫއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ޓީސީގެ ގޯލް އޭރިޔާ ތެރެއަށް ވަދެ ކީޕަރު ނައިސަމް އަހުމަދުގެ އަތްމަތިން ގޯލުގެ ތެރެއަށް ފޮނުވައިލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ ހަސަން ނާއިމްއެވެ.
މަހިބަދޫގެ ލަނޑަށްފަހު ޓީސީއިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔައެވެ. މެޗުގެ 11ވަނަ މިނެޓުގައި ޓީސީގެ އައިހަމް ހަމްދޫން މަހިބަދޫގެ ގޯލް އޭރިޔާ ތެރެއިން ޖެހި ބޯޅަ މަހިބަދޫގެ ކީޕަރުގެ އަތުގައި ޖެހި ރީ ބައުންސަށް ނިކުތުމުން އަހުމަދު ޒައުލް ނާޒިމް ފޮނުވާލި ނަމަވެސް މަހިބަދޫގެ ކީޕަރު މުހައްމަދު އިގްޔާން އިގްބާލް އެ ބޯޅަ މަތަކުރިއެވެ.
ޓީސީއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރަނިކޮށް މަހިބަދޫއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ 14ވަނަ މިނެޓުގައި މަހިބަދޫގެ ނާއިމް ޓީސީގެ ގޯލް އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ މަޑު މަޑުން ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރަށް މަތަނުކުރެވި ވަނީ ގޯލަށެވެ.
މި ލަނޑަށްފަހު ވެސް މަހިބަދޫ ޓީމުން އިތުރު ހަމަލާ ތަކެއް އުފައްދައި ލީޑު ފުޅާ ކުރަން މަސައްކަތް ކުރިއެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ޓީސީއަށް ލިބުނު ކޯނަރަކުން އެ ޓީމު ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކުރި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
އޭގެ އެއް މިނެޓު ފަހުން ޓީސީއިން ލަނޑެއް ޖަހައި އުންމީދު އައު ކުރިއެވެ. ޓީސީގެ ހަސަން އަޒޫމު އަލީ ދިން ޕާހެއް މަހިބަދޫގެ ގޯލަށް ފޮނުވާލައިގެން ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް ޝާއިފެވެ.
މެޗުގެ 28ވަނަ މިނެޓުގައި ޓީސީގެ ޒައުލް ދިން ޕާހަކުން އަޒޫމްގެ ބާރު ހަމަލާއެއް މަހިބަދޫގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް، މަހިބަދޫގެ ކީޕަރު ހުށިޔާރުކަމާއެކު އެ ހަމަލާ މަތަކުރިއެވެ.
މަހިބަދޫއިން ވެސް ދިޔައީ ޓީސީގެ ގޯލަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް އުފައްދަމުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މަހިބަދޫގެ އަހުމަދު ޔާނިޝް އިބްރާހިމް ޝަކީބް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.
ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 35ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް ސާއިފެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2އަަކުން އެއްްވަރު ވެފައި އޮވެގެންނެެވެ.
ދެވަނަ ހާފު ފަށައިގެން 47ވަނަ މިނެޓުގައި ޓީސީގެ އައިހަމް އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް މަހިބަދޫ އޭރިޔާ ކައިރިން ހިލޭ ޖެހުމެއް ލިބުނެވެ. ނުރައްކާ ހިސާބަކުން ލިބުނު އެ ހިލޭ ޖެހުން ފޮނުވާލީ އަހުނަފް މުހައްމަދު ތަސްނީ،ް (ނަފްކޮ)އެވެ. ނަމަވެސް ނަފްކޮ ފޮނުވާލި ބޯޅަ މަހިބަދޫގެ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ޓީސީއަށް ލަނޑެއް ޖަހައި ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނުއިރު، މަހިބަދޫގެ ޑިފެންޑަރަކު ހުށިޔާރުކަމާއެކު އެ ބޯޅަ ސަލާމަތްކުރިއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި މަހިބަދޫގެ މުހައްމަދު ލިވާޒް ސަމީރު ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރުގެ އަތުގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ޓީސީގެ ޑިފެންޑަރަކު ސަލާމަތްކުރިއެވެ. އެއަށްފަހު ވެސް ޓީސީއިން ލަނޑު ޖެހުމަށް ގިނަ ހަމަލާތަޖެއް އުދެއްދި ނަމަވެސް، މަހިބަދޫ ޓީމުގެ ޑިފެންސް ލައިން އަދި ގޯލް ކީޕަރުގެ ހުށިޔާރުކަމުން ޓީސީއަށް ގޯލެއް ޖެހޭ ގޮތް ނުވެއެވެ.
ފުލު ފުލުގައި ހަމަލާ އުފައްދަމުން ގޮސް ޓީސީއިން 85 ވަނަ މިނެޓުގައި ލަނޑު ޖަހައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގިއެވެ. މަހިބަދޫގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން އެ ލަނޑު ކާމިޔާބުކޮށްދިނީ ފަހުމާނުއެވެ. ޓީސީގެ މި ލަނޑަށްފަހު މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަހިބަދޫއިން ވަރަށް މަސައްކަތްކުރިއިރު، ޓީސީއިން ލީޑު އިތުރަށް ފުޅާ ކުރުމަށް ހަމަލާ އުފައްދަމުން ދިޔައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-2 އިން ޓީސީ ކުރީގައި އޮވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ބަދަލު ކުޅުންތެެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޓީސީއަށް ވިނިންގޯލް ޖަހައިދިން ފަހުމާނެވެ.
ޓީސީން ފުރަތަމަ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ފަހުމާނު ދެ ގޯލު ޖެހިއެވެ.
މިއާއެކު ޓީސީއަށް މުބާރާތުގެ ސެމީގެ ޖާގަ ޔަޤީންވީއެވެ. ޓީސީއަކީ މި މުބާރާތުގައި ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ހަވީރު 4:00ގައި ބައްދަލު ކުރާނީ ގްރީން ސްޓްރީޓްސްއާއި ދަ ގްރާންޑޭއެވެ. ރޭގަނޑު 8:30ގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ކްލަބް އީގަލްސްއެވެ.