ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް: އެމަނިކުފާނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅަން ޕީޕީއެމް އިން ވަނީ ނިންމާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމްއިން ނިންމައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިރޭ "ސަން"އަށް ވިދާޅުވީ ރޯދަ މަހުގެ ކުރިން ރައީސް ޔާމީން ޖަލަށްލާނެ ކަމަށް ބުނެ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން އިންޒާރުދެމުން އަންނަ ކަމަށެވެ.

އެފަދައިން އިންޒާރުދީފައި ވަނިކޮށް ރައީސް ޔާމީންގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން އުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިޔަ ނަމަވެސް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް ކޮވިޑްގެ ހާލަތު ރަނގަޅުވަންދެން ފަސްކުރުމަކީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަމުގެ ހެއްކެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުގައި އެއް މަރުހަލާއެއްގައި އޮތް ދެ މައްސަލައަކާމެދު ދެގޮތަށް އަމަލުކުރީމަ ހަމަހަމަ ކަމަކަށް ނުބެލޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮވިޑްގެ ހާލަތު އަންނާނީ ވަކި މައްސަލައަކަށް ނޫން. ޝަރުއީ ނިޒާމު އިސްލާހުކުރަންވެފަ އޮތް މިންވަރު މިކަމުން އެކަނިވެސް އަޅުގަނޑުމެނަށް އެބަ އެނގޭ،" އޭނާ ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލަ ކޮވިޑްގެ ހާލަތު ނިމުމުން ކުރިއަށްގެންދަން ނިންމި ނިންމުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހްމަދު އަމާން މުހައްމަދު ނަޖީބު މިރޭ ވިދާޅުވީ މަހުލޫފްގެ މައްސަލާގައި ގޮތް ނިންމީ އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓަށް ހުށަހެޅޭ މައްސަލަތައް މައްސަލަތައް ގާޒީންނާ ހަވާލުކުރުމަށްފަހު ޝަރީއަތް ކުރާ ސެކްޝަންތަކުގައި މައްސަލަ ތާވަލްކުރާނެ ގޮތަކީ އެ ސެކްޝަނެއްގެ ގާޒީގެ ނިންމުމެއް ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދެކޮޅު ނުޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ގާޒީއަކަށް ވިޔަސް ބޭއިންސާފުން ނިންމުމެއް ނިންމައިފިނަމަ ކްރިމިނަލް ކޯޓަށް އެކަން ހުއްޓުވޭނެކަމަށެވެ.

"އަޅުގަނޑު މި ދައްކަނީ ކޯޓެއްގެ ވާހަކަ. ގާޒީއަކަށް ވުރެ ކޯޓު ބޮޑުވާނެ. މުއައްސަސާ ބޮޑުވާނެ. މުއައްސަސާއެއް ވީމަ އެތަނުގެ ގާޒީތޯ، އެޑްމިނިސްޓްރޭޓިވް މީހާތޯ ބަލާކަށް ނުޖެހޭނެ. ކްރިމިނަލް ކޯޓުއެއީ މުއައްސަސާއެއް. މުއައްސަސާއިން ހާލަތަށް ރިއާޔަތްކޮށް ވަކި ގޮތަކަށް ނިންމުނީމަ ދެން އެތަނުގަ ހުންނަ ވަކި ފަރުދަކަށް ވާހަކައެއް ނުދެއްކޭނެ،" އޭނާ ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލަ މިހާރު ކުރިއަށް ނުގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކުރިން އެ މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ބޭނުންނުވާތީ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މަހުލޫފަކީ އެ އިންތިޚާބުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅަކަށްވާތީ މި ދުވަސްވަރު އޭނާގެ ޝަރީއަތް ބާއްވައިފިނަމަ އެމްޑީޕީގެ ކެމްޕެއިނަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެތީ ކަމަށެވެ.

comment ކޮމެންޓް