މަހުލޫފް މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓުން ޙުކުމްކޮށްފި

ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު -- ފޮޓޯ/ ރައީސް އޮފީސް

ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ ބެލޭނެ ކަމަށް މިއަދު ޙުކުމްކޮށްފިއެވެ.

ހައި ކޯޓުގެ ޙުކުމުގައި ވަނީ މަހުލޫފްގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ. އަދި މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅައިފައި ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް، އެ ކޯޓުން މައްސަލަ ބެލިއިރު މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ޙުކުމުގައިވެއެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޢަލީ ސަމީރެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓުން އަނެއްކާވެސް ބަލަން ތާއިދު ކުރެއްވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަލީ ސަމީރެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، ޕްރްސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީއެވެ. އަދި އެ މައްސަލައިގެ އަޑުއެހުން ހައި ކޯޓުގައި ބޭއްވީ މިދިޔަ އާދިއްތަ ދުވަހެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ, އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ. އެކަމަށް ބާރުދޭ ހުށަހެޅުންތަކެއް ވެސް ހުށަހެޅިއެވެ.

މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް, ޕީޖީން ވަނީ ޝަފަވީ ހަތް ހެއްކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފް އާއި އަޙްމަދު އިޝްފާހް ޢަލީ ވެސް ހިމެނެއެވެ.

ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.

އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.

"ޖުމްލަކޮށް ދަންނަވަނީ ނަމަ މި މައްސަލައިގެ ހެކިތަކަށް އެންމެ ފުނަށް ފީނައިގެން ފަނޑިޔާރުން ހަގީގަތުގައި ފަނޑިޔާރުން ހެކި ވަޒަންކޮށްފައި ނުވާކަން އިސްތިއުނާފް ރައްދުވާ ފަރާތުން ފާހަގަކުރަން," އެ އަޑުއެހުމުގައި މަހުލޫފްގެ ވަކީލް ވިދާޅުވިއެވެ.

comment ކޮމެންޓް