ބިޔަ ވިޔަފާރިތަކަށް ވަދެ، އެސްޓީއޯއަށް ބިޔަބޮޑު ފައިދާއެއް

ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފަހު ކުއާޓަގައި އެސްޓީއޯއިން ވިޔަފާރީގެ ބޮޑެތި އިންވެސްޓުތަކެއްކޮށް، ޓެކުހަށް ކެނޑުމަށް ފަހު 131 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފިއެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި ކުއާޓާލީ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު އާމްދަނީ 3.3 ބިލިއަނަށް އަރައެވެ. ކުރީ ކުއާޓާއާ އަޅާ ބަލާއިރު މިއީ 31 އިންސައްތައިގެ ކުރިއެރުމެކެވެ.

އަދި މުޅި އަހަރުގެ ޖުމްލަ އާމްދަނީ އުޅެނީ 10 ބިލިއަން ރުފިޔާގައެވެ. މިއީ 2020ވަނަ އަހަރާ އަޅާބަލާ އިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއާއެކު ޓެކުހަށް ކެނޑުމަށް ފަހު، މުޅި އަހަރުގެ ސާފު ފައިދާ 478 މިލިއަނަށް އަރައެވެ. 2020ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 359 މިލިއަން ޑޮލަރެވެ.

އެސްޓީއޯއިން ބުނީ މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ތެލުގެ އަގު ބޮޑުވުމާއި، އެ ކުންފުނިން ވިއްކި ތެލުގެ މިންވަރު އިތުރުވުން ކަމަށެވެ.

މީގެ އިތުރުން ވެސް އެ ކުންފުނިންވަނީ މިދިޔަ ކުއާޓަރުގައި 608 ޓީއީޔޫގެ ކޮންޓޭނަރު ބޯޓެއް ގަނެފައެވެ. އަދި މޯލްޑިވްސް ޝިޕިން ސާވިސަސް އެ ކުންފުނީގެ ކުޑައިގެ ދަށަށް ވަނީ ގެނެއްސައެވެ. ބަލްކް ކެރިއާ ބޯޓެއް ގަތުމަށް ވެސް އެ ކުންފުނިން މިހާރު ވަނީ ނިންމާފައެވެ.

ދައުލަތުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯގައި މިވަގުތު 2،057 މުވައްޒަފުން މަސައްކަތް ކުރެއެވެ. މީގެ ތެރެއިން 1،687 މީހުންނަކީ ދިވެހިންނެވެ.

comment ކޮމެންޓް