ލޮކްޑައުންގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ޕާޓީތައް ބޭއްވި މައްސަލަ ފުލުހުން ބަލަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން -- ފޮޓޯ: ޑެއިލީމެއިލް

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގައި އެޅި ފިޔަވަޅުތަކާ ޚިލާފަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އޮފީހުގައި ޕާޓީތައް ބޭއްވި މައްސަލަ އެ ގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ލޮކްޑައުންގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ 15 ވަރަކަށް ޕާޓީ ބާއްވާފައެވެ.

މި ޕާޓީތައް ބޭއްވިކަމަށް ބޮރިސް ޖޯންސަން އެންމެ ފުރަތަމަ އިއުތިރާފުވެވަޑައިނުގަތަސް އޭނާ ވަނީ ފަހުން މިފަދަ ޕާޓީތަކެއް ބޭއްވިފައިވާކަމަށް ބުނެފައެވެ. އަދި އެކަމަށްޓަކައި އާންމުންގެ ފަރާތުން އޭނާ ވަނީ މައާފަށްވެސް އެދިފައެވެ.

އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ބޮރިސް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ފުލުހުން މި މައްސަލަ ބަލަން ނިންމި ނިންމުމަށް މަރުހަބާ ކިޔަން. މިއާއެކު އާންމުންނަށް މިކަމުގެ ހަގީގަތް އެނގިގެންދާނެ ކަމަށް ޤަބޫލުކުރަން" ބޮރިސް ވިދާޅުވިއެވެ.

ލޮކްޑައުންގެ ތެރޭގައި ޕާޓީތައް ބޭއްވިކަން ފަޅާއެރުމާއެކު ބޮރިސްގެ އިސްތިއުފާގެ އަޑު ވަނީ ގަދަވާން ފަށާފައެވެ. އަދި ސްކޮޓްލެންޑުން އިނގިރޭސި ވެރިކަމުގެ ދަށުން މިނިވަންވެގަތުމުގެ އަޑުވެސް ގަދަވަމުންދާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް