އެއާ އިންޑިއާ، ޓާޓާ ކުންފުންޏާ ހަވާލުކުރަނީ

އިންޑިއާގެ ސަރުކާރުން ހިންގަމުން އައި އެއާ އިންޑިއާ މާދަމާ ޓާޓާ ކުންފުންޏާ ހަވާލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެއާ އިންޑިއާގެ ހޮލްޑިން ކުންފުނި "ޓެލެސް"ގެ ބިޑެއް ކާމިޔާބުކޮށް، އެ އެއާލައިންގެ 100 އިންސައްތަ ހިއްސާ ޓާޓާ ގްރޫޕުން ވަނީ ގަނެފައެވެ. އަދި ގްރައުންޑް ސާވިސްގެ 50 އިންސައްތަ ހިއްސާވެސް ޓާޓާއިން ވަނީ ގަނެފައެވެ.

އިންޑިއާ ސަރުކާރުން އެއާ އިންޑިއާ ވިއްކާލީ އެ އެއާލައިން މުޅިން ބަނގުރޫޓްވެ، މާލީގޮތުން އިނދަޖެހިފައި ވަނިކޮށެވެ. އެ ކުންފުނި ވިއްކާލަން އިންޑިއާ ސަރުކާރުން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އިންޑިއާ ސަރުކާރު ބުނާގޮތުން އެ އެއާލައިންގައި 8.2 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނިވެސް އެބައޮތެވެ. މިދަރަންޏާއެކު ފާއިތުވި އަހަރުތަކުތަކުގައި އެއާއިންޑިއާ ހިންގަމުން ގެންދިޔައީ ދުވާލަކު ގާތްގަނޑަކަށް 220 މިލިއަން ރުޕީސް (ތިން މިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުމަކާ އެކުގައެވެ.

އެއާ އިންޑިއާ ކުންފުނީގައި ކުދި ބޯޓުތަކާއި ބޮޑު އަދި މެދު ސައިޒްގެ ބޯޓުތައް ހިމެނޭގޮތަށް 130 މަތިންދާބޯޓު އޮވެއެވެ. ނަމަވެސް މީގެތެރެއިން ގިނަ ބޯޓުތަކަކީ ބައު ބޯޓުތަކެވެ.

comment ކޮމެންޓް