ޔަމަނުގެ ހޫތީން ސައުދީ އާއި ޔޫއޭއީއަށް މިސައިލް ހަމަލާތަކެއް ދީފި

ސައުދީ އަރަބިއްޔާ--

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށާއި ސައުދީ އަރަބިއާއަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

ޔޫއޭއީން ބުނި ގޮތުގައި އެ ގައުމުގެ އަބޫދާބީއަށް ދިން މި ހަމަލާތައް ވަނީ ވައިގެ ތެރެއިން ހުއްޓުވާފައެވެ.

ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސައުދީގެ ދެކުނުގެ ސަރަހައްދަކަށް ހޫތީން ވަނީ މިސައިލް ހަމަލާއެއް ދީފައެވެ. އަދި ސޫދާނާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެ ރައްޔިތަކު މި ހަމަލާގައި މަރުވެފައިވާކަމަށް ސައުދީން ބުނެއެވެ.

ސައުދީގެ އެހެން ސަރަހައްދަކަށް އަމާޒުކުރި ހަމަލާ ހުއްޓުވާފައިވާކަމަށްވެސް ސައުދީން ބުންޏެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނީ، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ. އަދި ކޮންމެ އިންޒާރަކާވެސް ކުރިމަތިލާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހޫތީން ވަނީ ދާދި މިފަހަކުންވެސް އަބޫދާބީއަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. ބަދަލުގައި ޔޫއޭއީ ހިމެނޭ ސައުދީ ކޯލިޝަނުން ވަނީ ޔަމަނަށް ގިނަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ޔަމަނުގެ އެތައް ބައެއް މަރުވެފައިވާއިރު، އެ ގައުމުން އިންޓަނެޓުގެ ޚިދުމަތްވެސް މެދުކެނޑުނެވެ.

ޔޫއޭއީވެސް ހިމެނޭ ސައުދީ ކޯލިޝަނުން އަންނަނީ ޔަމަނުގެ ސަރުކާރު ދިފާއުކުރުމަށް ހޫތީންނާ ހަނގުރާމަ ކުރަމުންނެވެ. އެ ހަނގުރާމައަށް ހަތް އަހަރު ވެފައިވާއިރު، ހޫތީން ވަނީ ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ހިފާފައެވެ.

comment ކޮމެންޓް