ޔޫތު ޗެމްޕިއަންޝިޕް: ފަހަތުން އަރައި މަހިބަދޫއިން ޔޫވީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްުޔާން

ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިރޭގެ މެޗުގައި ޔޫވީ މޮޅުވުމަށް ދަނިކޮށް މަހިބަދޫއިން އެއްވަރުކުރީ 86 ވަނަ މިނެޓުގައެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޔޫވީއެވެ. އެ ޓީމުން ދިޔައީ އެޓޭކް ތަކުގައި މަހިބަދޫގެ ޑިފެންސަށް ބާރުކުރަމުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޔޫވީގެ އަބްދުއްރަހުމާން ތިބްޔަން އަލީ ސައީދު ވަނީ މަހިބަދޫގެ ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ މަހިބަދޫ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްުޔާން

މެޗުގެ ނުވަ ވަނަ މިނެޓުގައި ޔޫވީއަށް ކޯނަރެއް ލިބުނެވެ. އެޓީމުގެ ކުޅުންތެރިޔަކު ނަގައިދިން ކޯނަރުން އަލީ މީސާގު ފޮނުވާލި ބޯޅަ ދިޔައީ މަހިބަދޫ ކުޅުންތެރިއެއް ގައިގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް ބޭރުވެގެންނެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޔޫވީގެ އަބްދުއްރަހުމާން ވަނީ މަހިބަދޫގެ ތިން ޑިފެންޑަރުން ކައިރިން ކަޓުވާފައި ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަހިބަދޫ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރަށެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ޔޫވީއަށް ލިބުނު ހިލޭ ޖެހުމެއްގައި ނަގައިދިން ބޯޅައެއް މުހައްމަދު ޒައިން ސުޖާއު ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޔޫވީގެ އަލްހިމް ފަލާހު ޝަރީފަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ފަޔަށް ސެޓުނުވަނީސް އޭނާ ފޮނުވާލުމުން މަހިބަދޫގެ ކީޕަރު މުހައްމަދު އިގްޔާން އިގްބާލް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހިފަހައްޓައިފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްުޔާން

މެޗުގެ 22 ވަނަ މިނެޓުގައި ޔޫވީގެ ލަމްއާން ޒުހެއިރު ޖެހި ބޯޅަ މަހިބަދޫ ކީޕަރު އިގްޔާންގެ އަތުގައި ޖެހި ރީބައުންސަށް ނުކުތް ބޯޅަ ޔޫވީގެ މީސާގަށް ހުސްކޮށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޔޫވީގެ ލަމްއާން ނަގައިދިން ބޯޅަ އެ ޓީމުގެ މީސާގު، މަހިބަދޫ ޓީމުގެ ގޯލަށް ފޮނުވާލައިގެން ޔޫވީން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިއެވެ.

މެޗުގެ 30 ވަނަ މިނެޓުގައި މަހިބަދޫ ޓީމުގެ އަލީ އިޝްފާގު ހަސަން މަޖީދަށް ޔޫވީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދަނޑު ބޭރުގައި ފަރުވާ ދީފައެވެ. އަދި ފަރުވާއަށްފަހު 33 ވަނަ މިނެޓުގައި އޭނާ ވަނީ އަނބުރާ ކުޅުމުގެ ތެރެއަށް ނިކުމެފައެވެ.

މަހިބަދޫން ދިޔައީ މަޑު މަޑުން ކުޅުމުގެ ތެރެއަށް ވަދެ، ޔޫވީގެ ޑިފެންސަަށް ބާރު ބޮޑުކުރަމުންނެވެ. މަހިބަދޫގެ ހަމަލާތައް ހުއްޓުވުމުގައި ޔޫވީގެ ޑިފެންޑަރުން ހުށިޔާރެވެ. ނަމަވެސް ރަނގަޅު އެޓޭކެއް އުފެއްދޭތޯ މަހިބަދޫ ޓީމުންވަނީ ވަރަށް މަސައްކަތްކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްުޔާން

މެޗުގެ 36 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާކުރުމަށް ޔޫވީއަށް ލިބުނު ފުރުސަތުގައި މީސާގު ގޯލު ކުރި މައްޗަށް ނަގައިދިން ބޯޅަ ހުސްކޮށް ހުރެ އަލްހިމް ފަލާހު ފޮނުވާލީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 39 ވަނަ މިނެޓުގައި މަހިބަދުއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ޔޫވީ ކީޕަރު އަލީ ޝައިބާންގެ އަތަށެވެ.

މެޗުގެ 41 ވަނަ މިނެޓުގައި މަހިބަދޫން ވަނީ އެ ޓީމުގެ ފުރަތަމަ ބަދަލު ގެނެސްފައެވެ. އެގޮތުން އެޓީމުގެ އީވާންގެ ބަދަލުގައި އަހުމަދު އަފްލާހް އަލީ ވަނީ ކުޅެން ނިކުމެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔޫވީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް އެއްވަރެއްގެ ކުޅުމެއް ފެނުނުއިރު، މި ހާފުގައި މަހިބަދޫއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި މަހިބަދުއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ އިޝްފާގު ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު އިގްޔާން ވަނީ މަތަކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްުޔާން

މެޗުގެ 56 ވަނަ މިނެޓުގައި ޔޫވީގެ މުހައްމަދު ރާއިފް ފަޒީލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 77 ވަނަ މިނެޓުގައި މަހިބަދޫގެ އަހުމަދު ޔާނިޝް އިބްރާހިމް ޝަކީބު ފޮނުވާލީ ބޯޅަ ދިޔައީ ޔޫވީގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޔޫވީން ވަނި ބަދަލެއް ގެނެސްފައެވެ. އެ ޓީމުގެ އަލްހިމް ފަލާހުގެ ބަދަލުގައި މުހައްމަދު ލީވާން ހުސެއިން ވަނީ ކުޅެން އަރާފައެވެ.

މަހިބަދޫއިން ލަނޑެއްޖެހުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދިޔައިރު، މެޗުގެ 82 ވަނަ މިނެޓުގައި މަހިބަދޫގެ ހަސަން ނާއިމް ފޮނުވާލި ހަމަލާ ދިޔައީ ޔޫވީގެ ގޯލު ދަނޑިމަތިން ބޭރަށެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްުޔާން

މެޗުގެ 85 ވަނަ މިނެޓްގައި މެދު ހާފުގައި ހުރެ މަހިބަދޫގެ މުހައްމަދު ޖޫދު އިސްމާއިލް ދިން ބޯޅައެއް ހިފައިގެން ގޮސް އެޓީމުގެ އިޝްފާގު ޔޫވީގެ ގޯލަށް ފޮނުވާލި ބޯޅަ އަމާޒުވީ ޔޫވީގެ ގޯލުގެ ތިރީ ކަނަށެވެ. މި ލަނޑާއެކު މަހިބަދޫއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ލަނޑަށްފަހުވެސް މަހިބަދޫން ޔޫވީގެ ހާފް ތެރޭގައި ބޮޅަ ގެންގުޅެ އިތުރު ގޯލެއް ޖެހުމަށްޓަކައި މަސައްކަތް ކުރިއެވެ. އަދި ޔޫވީން ދިޔައީ މަހިބަދޫގެ ހަމަލާތައް ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މެޗު ނިމުނީ ދެ ޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގައިވެސް ތަފާތު ކުޅުމެއް ދެއްކި މަހިބަދޫގެ ކެޕްޓަން އިޝްފާގެވެ.

މުބާރާތުގެ ކުޅުން މާދަމާ ހަވީރު އަދި ރޭގަނޑުވެސް އޮންނާނެއެވެ. ހަވީރު 16:00 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް ގްރީން ސްޓްރީޓެވެ. މާދަމާ ރޭ 20:30 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާއެވެ.

comment ކޮމެންޓް