ރިލްވާންގެ މަރުގެ ތަހުގީގަށް ކޮމިޝަނުން މެލޭޝިޔާއަށްގޮސް އަބްދުﷲ ދީދީއާ ސުވާލުކޮށްފި

އަބްދުﷲ ދީދީ --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން މެލޭޝިޔާއަށް ގޮސް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލުކޮށްފިއެވެ.

އަބްދުﷲ ދީދީ އަކީ ރިލްވާނުގެ މައްސަލަ ކުރިއަށް ގެންދިޔަ އިރު ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުގެ އަމުރު ނެރެފައި ވަނީ އޭނާއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އަބްދުﷲ ދީދީއާ ސުވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

މިދިޔަ މަހުގެ ތެރޭގައި މަރު ކޮމިޝަންގެ އިތުރުން ފުލުހުން ހިމެނޭ ޓީމެއް މެލޭޝިޔާއަށް ވަނީ ގޮސްފައެވެ. އަބްދުﷲ ދީދީއާ ސުވާލުކުރުމަށްފަހު އެ ޓީމު އެނބުރި މާލެ އައިސްފައިވަނީ މި މަހުގެ ތެރޭގައެވެ.

މަރު ކޮމިޝަނުން މެލޭޝިޔާއަށް ކުރި ދަތުރުގައި އަބްދުﷲ ދީދީ ފިޔަަވައި އެހެން މީހަކާ ސުވާލުކުރި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރިލްވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.

އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އެއީ ހ. ހިލްޓަން، އަހްމަދު އާލިފް ރައޫފް އާއި ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދު އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީނެވެ. އެ މީހުންގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެންކަމުން ޝަރީއަތް ކުރިއަށް ގެންދިޔައީ އާލިފް އާއި ނޫރައްދީނުގެ އެކަންޏެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް