އޮމިކްރޯން ވޭރިއަންޓު ފެތުރޭތީ ނިއުޒިލެންޑުގެ ބޮޑުވަޒީރުގެ ކައިވެނި ފަސްކޮށްފި

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: ގެޓީ

އޮމިކްރޯން ވޭރިއަންޓު ފެތުރޭތީ ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާންގެ ކައިވެނި ފަސްކޮށްފިއެވެ.

ނިއުޒިލެންޑުގައި ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓު ފެތުރޭތީ ކޮމިއުނިޓީ ސްޕްރެޑް ހުއްޓުވުމަށްޓަކައި އެ ގައުމުން ވަނީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައެވެ.

އެގޮތުން މާސްކު އެޅުން މަޖުބޫރުކުރުމާއި، އާންމު އެއްވުންތަކުގައި މީހުންނަށް ބައިވެރިވެވޭނެ އަދަދު މަދުކުރަން އެ ގައުމުން ވަނީ ނިންމާފައެވެ.

ބޮޑުވަޒީރު އާޑާންގެ ލޯބިވެރިޔާ ކްލާކް ގޭފޯޑް އާ ކައިވެނި ބައްލަވައިގަތުން ފަސްކުރެއްވިކަން އެކަމަނާ ވަނީ އިއުލާންކުރައްވާފައެވެ.

"ނިއުޒިލެންޑުގެ އެހެނިހެން ރައްޔިތުން ޕެންޑެމިކުގެ ސަބަބުން ތަހައްމަލުކުރާ ދަތި އުނދަގޫތަކުގައި އަޅުގަނޑު ބައިވެރިވާނަން. އެހެންކަމުން އަޅުގަނޑުގެ ކައިވެނިވެސް ޕްލޭންކުރެވިފައި އޮތް ގޮތަށް ކުރިއަށް ނުދާނެ،" އާޑާން ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއަންޓު ފެތުރުން ކޮންޓްރޯލްކުރުމަށްވެސް އެ ގައުމުން ބޭނުންކުރާނީ ޑެލްޓާ ކޮންޓްރޯލްކުރަން ގެންގުޅުނު އުކުޅުތައްކަމަށް އާޑާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން 100 މީހުންނަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ރެސްޓޯރަންޓަށް ނުވަދެވޭގޮތަށް ހެދުމާއި، ވެކްސިން ފާސް ބޭނުންނުކުރާނަމަ، 25 މީހުންނަށް ލިމިޓްކުރުން މީގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ރެޕިޑް ޓެސްޓުކުރުމާއި، ޕޮޒިޓިވްވާ މީހުން އައިސޮލޭޓް ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހަދާނެކަމަށް ބޮޑުވަޒީރު އިއުލާން ކުރެއްވިއެވެ.

ނިއުޒިލެންޑުގެ 12 އަހަރުން މަތީގެ 93 ޕަސެންޓު މީހުން ވަނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 52 ޕަސެންޓު މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

އެ ގައުމުން ވަނީ ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށްވެސް ކޮވިޑު ވެކްސިން ޖެހުމަށް ނިންމާފައެވެ.

comment ކޮމެންޓް