ވިސްނުން ގެންގުޅެނީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދަން: ޑރ. އަފްޒަލް

މާލެ ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނަގަނީ-- ސަން ފައިލް ފޮޓޯ

ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މިހާރު ވިސްނުން ގެންގުޅެނީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދަން ކަމަށް، އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ހަފްތާއެއް ވެސް ނިމުމުން ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ ހިޔާލު ހުރީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެގޮތެއް ވިޔަސް ތިނެއް ނުވަތަ ހަތަރު އަހަރަށް ދެމިގެން ދިޔަޔަސް ނުތިބެވޭނެތާ އެ ހުރިހާ ވަގުތެއްގައި އެމަޖެންސީ ހާލަތެއްގައެއް. ކޮންމެ ގޮތެއް ވިޔަސް ގައުމީ އިގްތިސޯދު އަނބުރާ ގެންނަންޖެހޭ. އާމްދަނީ ވެސް ހޯދަން ޖެހޭ. މަސައްކަތަށް ވެސް ނުކުންނަން ޖެހޭ. ކިޔަވާ ކުދިން ކިޔަވަންވެސް ޖެހޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ ލޮކްޑައުން ކޮށްފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅެއް، ނާޅާނެ ކަމަށް ބުނެވޭކަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އެންމެފަހުގެ ނިންމުންތަކުގައި އެފަދަ ފިޔަވަޅެއް ނެތްކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ފިޔަވަޅުތައް އަޅަނީ ބޭރުގެ މާހިރުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ފަރުދީ ޒިންމާ އަދާކޮށް، މާސްކު އެޅުމާއި އެއްވެ ނޫޅުމަށް އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް