ނަރުހުގެ މަރު: މާވިންގެ ބަންދަށް އިތުރު 30 ދުވަސް

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މާވިން: އޭނާގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްދީފައި ----

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލިކަމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލައިފައިވާ އޭނާގެ ފިރިމީހާ މާވީންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.

މާވިންގެ މައްޗަށް އުފުލައިފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވީންގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، މާވިން ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު, މާވިން ބުނީ ކުރިއަށް ދާން ބޭނުންވަނީ ވަކިލަކާ އެކު ކަމަށެވެ. އަދި އޭނާ ވަނީ ވަކީލަކު ހަމަޖައްސާފައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ވަކިލާ އެކު ކުރިއަށް ގެންދިއުމަށް, އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުން ކުޑަވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް ވަކިލާ ގުޅިފައި ނުވާތީ މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތް ނުވެ ވަނީ ނިންމާލަން ޖެހިފައެވެ.

މާވިންގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ ދައުލަތުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދިފައެވެ.

އެގޮތުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މާވިންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައެވެ. އަދި ވަކިލާ އެކު ބަންދު މުރާޖައާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މާވިންގެ ލޯބިވެރިޔާ، ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

އެ ދެ މީހުންގެ މައްސަލަ ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް