ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަނީ، އަގުތަކެއް އިއުލާނެއް ނުކުރޭ

ކްރޮސްރޯޑްސް މޯލްޑިވްސް--

ކްރޮސްރޯޑްސްގެ ރަށްތަކުގެ ތެރެއިން ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފިއެވެ.

މި ރަށްތައް ވިއްކާލަން އިއުލާންކުރީ ކްރޮސްރޯޑްސް ހިންގާ ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގުރޫޕުންނެވެ. ނަމަވެސް އެ ރަށްތައް ވިއްކާ އަގެއް އެ ކުންފުނިން އިއުލާނެއް ނުކުރެއެވެ.

އެނބޫދޫ ފަޅުން ބިން ހިއްކައިގެން ތަރައްގީކޮށްފައިވާ މި ރަށްތަކަކީ މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 15 މިނެޓުން ދެވޭ ރަށްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އިންވެސްޓަރުންނަށް ރިސޯޓު ހަދަން އެއް ރަށަށް އަދި އެެއަށްވުރެ ގިނަ ރަށަށް ވެސް ކުރިމަތިލެވޭނެއެވެ.

ޖޭއެލްއެލް ހޮޓެލްސް އިން ބުނީ މި ރަށްތަކަކީ އިންވެސްޓަރުންނަށް ރިސޯޓެއް ތަރައްގީކޮށް، ރާއްޖޭގެ ރެސިލިއަންޓް ހޮޓެލް މާކެޓުގައި ފައިތިލަ ސާބިތުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ރަށްތައް ގަންނަ ކުންފުނިތަކަށް ކްރޮސްރޯޑްސް މަޝްރޫއު ހިންގި ތައިލެންޑުގެ ސިންހާ އެސްޓޭޓް ކުންފުންޏާ ގުޅިގެން ރަށް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ.

ކްރޮސްރޯޑްސްއަކީ ނުވަ ރަށެއް ހިއްކައިގެން އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރާ ތަނެކެވެ. މި ހުރިހާ ރަށްތަކެއް ހަދައި ނިމުމުން ކްރޮސްރޯޑްސް މެރީނާއާ ގުޅުވާލެވޭނެއެވެ. މިހާރު ވެސް ދެ ރަށެއްގައި ރިސޯޓު ހިންގަމުން ދެއެވެ. އެއީ ހާޑްރޮކްއާއި ސައި ލެގޫނެވެ.

މި ރަށްތަކަކީ 2066 ވަނަ އަހަރު މުއްދަތު ހަމަވާގޮތަށް 50 އަހަރުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީން ލީސް އެގްރީމަންޓެއްގެ ދަށުން ދޫކޮށްފައިވާ ރަށްތަކެކެވެ.

comment ކޮމެންޓް