ދައުލަތުން ބަލަހައްޓާ ކުދިންނަށް ކްރޮސްރޯޑްސްއިން ވަޒީފާގެ ފުރުސަތުތައް ހޯދަން މަޝްވަރާކޮށްފި

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ކްރޮސްރޯޑްސް މޯލްޑިވްސް އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައި: އެ ބައްދަލުވުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަޒީފާގެ މައިދާނަށް އަހުލުވެރިކުރަން ވަނީ މަޝްވަރާކޮށްފައި -- ފޮޓޯ/ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފުރާވަރުގެ ކުދިންނަށް ކްރޮސްރޯޑްސް މޯލްޑިވްސްއިން ވަޒީފާ އަދި އިންޓާންޝިޕް ފުރުސަތުތައް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ދެމެދުގައި މި ބައްދަލުވުން ބާއްވާފައި ވަނީ މި ހަފުތާގެ އާދިއްތަ ދުވަހުއެވެ.

އެ ވުޒާރާއިން ބުނާ ގޮތުގައި މިއީ މަސައްކަތުގެ މާހައުލަށް، އެ ކުދިން އަހުލުވެރިކުރުމުގެ ފުރުސަތު ހޯދުމުގެ މަގުސަދުގައި ބާއްވާފައިވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދައުލަތުން ބަލަމުންދާ ފުރާވަރުގެ ކުދިންނަށް އެ ރިޒޯޓުން ވަޒީފާ އަދި އިންޓާންޝިޕް ފުރުސަތުތައް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި އެކުދިންނަށް ފަހިކޮށްދޭ ފުރުސަތުތަކަކީ ދެމެހެއްޓެނިވި ފުރުސަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާ މަޝްވަރާކޮށްފައިވެއެވެ.

ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް މި ވުޒާރާއިން ހިންގާ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ކްރޮސްރޯޑްސްއިން ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމާ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އެންމެން ޝާމިލުވާ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކްރޮސްރޯޑްގެ ޓީމުން އަބަދުވެސް އެއްބާރުލުން ދެއްވާ ޝައުގުވެރިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތައް މި ވުޒާރާއިން އުފަލާއެކު ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރަން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއިން "ސަން" އަށް މައުލޫމާތުދެމުން ބުނީ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ހުޅުމާލެ ފިޔަވަތީގައި 73 ކުދިން އެބަތިބި ކަމަށް އެ ވުޒާރާއިން މައުލޫމާތުދިނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން މީގެ ކުރިން ވެސް މުޖުތަމައު ބާރުވެރިކުރުމަށް ސީއެސްއާރުގެ ދަށުން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން މެޖިކް ޝޯއެއް ހިމެނޭގޮތަށް، ފިޔަވަތީގައި ތިބި ކުދިން ބައިވެރިކޮށްގެން ކުލަގަދަގޮތެއްގައި މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަސް އެ ރިޒޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް