ކްރޮސްރޯޑް މޯލްޑިވްސްގެ ޓިކެޓިން ލައުންޖެއް މާލޭ އާޓްގެލަރީގައި ހުޅުވައިފިއެވެ.
ކްރޮސްރޯޑުން ބޮޑުތަކުރުފާނުމަގުގައި ހުންނަ އާޓްގެލަރީގައި ޓިކެޓިން ލައުންޖު ހުޅުވައިދެއްވީ، ޔޫތް އެންޑް ސްޕޯޓް މިނިސްޓަރު އަހުމަދު މަހްލޫފް އާއި ކްރޮސްރޯޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާންއެވެ.
އާޓް ގެލަރީގައި މިއަދު ހުޅުވި ކްރޮސްރޯޑް މޯލްޑިވްސްގެ ޓިކެޓިން އޮފީހާ ބެހޭގޮތުން ވާހަކަދައްކަވަމުން ކްރޮސްރޯޑް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ޓޮލްގާ އުނާން ވިދާޅުވީ، މި ޓިކެޓިން ލޯންޖުގެ ސަބަބުން ކްރޮސްރޯޑަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބޭނެ ކަމަށެވެ.
"މިފަދަ ހިތްގައިމު ލޯންޖެއް ހުޅުވުމުން ހިތްގައިމު މާހައުލެއްގައި ފެރީ އަންނަންދެން މަޑުކޮށްލެވޭނެ. މިއީ ދިވެއްސެއްގެ ފަންނުވެރިކަން ފެނިގެންދާ ވަރަށް ހިތްގައިމު މާހައުލަކަށް ވެގެންދާނޭ ތަނެއް. މިތަނުގެ ފާރުގައި ކުރަހާފައިވާ ރީތި ކުރެހުންތަކަކީ ދިވެއްސެއްގެ ފަންނުވެރިކަން،" ޓޮލްގާ ވިދާޅުވިއެވެ.
މާލެއިން ކްރޮސްރޯޑަށް ދަތުރުކުރުމަށް އެކި ގަޑިތަކުގައި ފެރީ އޮންނައިރު، މިފަދަ ތަނެއް ހުރުން މުހިއްމުކަމަށް ޓޮލްގާ ވިދާޅުވިއެވެ. ކްރޮސްރޯޑް މޯލްޑިވްސް ހުޅުވިފަހުން އަހަރެއްގެ މައްޗަށް 220،000 ހާހަށްވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކުރެއެވެ.
ކްރޮސްރޯޑަށް ޒިޔާރަތްކުރާ މީހުން އާޓްގެލަރީގައި ހުޅުވި ކްރޮސްރޯޑުގެ ލައުންޖަށް ޒިޔާރަތްކުރާނޭކަން ފާހަގަކުރައްވަމުން ޓޮލްގާ ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި އާޓިސްޓުންގެ މަސައްކަތަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.
ކްރޮސްރޯޑަކީ ފަތުރުވެރިންގެ އިތުރުން ވަރަށްގިނަ ދިވެހިންވެސް ޒިޔާރަތްކުރާ ތަނެކެވެ. ކްރޮސްރޯޑަކީ ދިވެހީންނާ ރައްޓެހި ތަނަކަށް ހެދުމަށް އެތަނުގެ މެނޭޖުމަންޓުން ވަރަށްބޮޑު މަސައްކަތްތަކެއް ކުރާ ކަމަށް ކްރޮސްރޯޑުގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ ވަނީ މިއަދުވެސް ވިދާޅުވެފައެވެ.
އެގޮތުން ކްރޮސްރޯޑުގެ ވިޔަފާރީގެ ތެރެއިން ދިވެހި ފަންނުވެރިންނަށް ފުރުސަތު ދިނުމާއި، ކްރޮސްރޯޑަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އިތުރުން ދިވެހީންނަށް ފަސޭހަ ގޮތްތަކެއް އިންތިޒާމުކުރުމަކީ ކްރޮސް ރޯޑުން އަބަދުވެސް އިސްކަމެއްދޭ ކަމެއްކަމަށް ޓޮލްގާ ވަނީ ވިދާޅުވެފައެވެ.
ކްރޮސްރޯޑުން މައުލޫމާތުދޭ ގޮތުގައި މާލޭ އާޓް ގެލަރީގައި ގާއިމްކޮށްފައިވާ ޓިކެޓިން ލޯންޖު ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:30 އިން ފެށިގެން 22:00 ގެ ނިޔަލަށް ހުޅުވާފައި ހުންނާނެއެވެ.