ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ އޯޓިޒަމް ހުންނަ ބޭފުޅެއް ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެމްބަރަކު މިސާލު ޖެއްސެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި، އެ ކައުންސިލްގައި އިންނަވާ މެދުހެންވޭރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އާދަމް ރަމީޒު ވިދާޅުވީ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި ކަމަށެވެ.
"އަކްރަމް ކަމާލުއްދީނަކީ އޭގެ [އޯޓިސްޓިކް] ކުއްޖެއް ކަމަށް އަޅުގަނޑުމެން ބަލަނީ. ސަރުކާރުގެ މިނިސްޓްރީތަކަށް ލާފައިވާ ބޭފުޅުންތަކުގެ ތެރެއިން،" މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސަތުގައި އިންނެވި ޖަލްސާގައި ރަމީޒު ވިދާޅުވިއެވެ.
ރަމީޒު، އަކްރަމާ ދިމާލަށް އެގޮތަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ބައެއް ނިންމުންތަކަށް ޕްލޭނިން މިނިސްޓްރީން ދެކޮޅު ހަދައި ސިޓީ ފޮނުވާ މައްސަލައިގައެވެ.
ރަމީޒު އެހެން ވިދާޅުވާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވާއިރު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އޭގެ ތެރެއިން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ސިޓީ ކައުންސިލްގެ ޖަލްސާތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަޖޫ ޖަހައި، މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އެއީ "ދެރަ ކަންކަން" ކަމަށް ވިދާޅުވެ އެ ވީޑިއޯ ރީޓުވީޓް ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މާލޭ ސިޓީ ކައުންސިލް މެންބަރުގެ އެ ބަހުރުވަ ހަމަ އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.
"މުޖުތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ދޭންޖެހޭ ގަދަރު ސިޔާސީގޮތުން ތިމާ ކިތަންމެ ބާރުގަދަ ވިޔަސް ދޭން ޖެހޭނެ. އޯޓިޒަމް ތަހައްމަލްކުރާ ކުއްޖެއްގެ އިހުސާސް މިބޭފުޅާއަކަށް ނޭނގޭނެ،" ޝިފާއު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އާންމުން ވެސް އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
އެ އަމަލާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ރަމީޒު ވިދާޅުވީ އޭނާ އެގޮތަށް މިސާލު ޖެއްސެވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
"އަކްރަމް ކަންތައް ކުރާ ގޮތުން ބުނި އެއްޗެއް އެއީ. އެއްގޮތަކަށް ވެސް އެހެއް [މަލާމާތް] ކުރުމުގެ ގޮތުންނެއް ނޫން،" ރަމީޒް ވިދާޅުވިއެވެ.