ކާޑެއްދޫގެ ބަނދަރު ވެއްޓެނީ!

ގދ. ކާޑެއްދޫ ބަނދަރު ހަލާކުވެ ވެެއްޓެން ކައިރިވެފައި ---

ރާއްޖޭގައި އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ގދ. ކާޑެއްދޫގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ ވެއްޓެން ކައިރިވެއްޖެއެވެ.

ބަނދަރަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން ބަނދަރުން ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން މިހާރު ވަނީ ބަންދު ވެސް ކޮށްފައެވެ.

ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑިރެކްޓަރު ސައުދުﷲ އަހްމަދު "ސަން" އަށް ވިދާޅުވީ އެ ކުންފުންޏާ އެއާޕޯޓު ހަވާލުވިއިރު ވެސް ބަނދަރުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އަދި ބަނދަރު ހަލާކުވާން މެދުވެރި ވަނީ ޖެޓީ ފާރުގެ ދަށުން މޫދަށް ވެލިގަނޑު ދަމައިގަންނާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ އެއާޕޯޓާ ހަވާލުވި އިރުވެސް އެ މައްސަލަތައް ކުރިމަތިވޭ. ދެން އެއްގަމުން ވެލިއަޅާ ހެދިއަސް ހަމަ ވާރޭ ވެހޭއިރަށް އަނެއްކާ ވެސް ދަމައިގަންފަ މި އޮންނަނީ،" ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން މިފަދަ މައްސަލަތަކަށް ހަައްލު ހޯދުމަށް އުނދަގޫ ވެފައިވާ ކަމަށެވެ.

"ކޯޓު ހުކުމެއް އޮތް ތަނެއްގައި ދައުލަތުގެ ކުންފުންޏަކަށް ހަރަދެއް ކުރެވެން އޮތީ ކަންކަން ސާފުވެގެން. ވަރަށް ބޮޑު ހަރަދެއް މިކަމަށް ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/152106

މިހާރު އެތަނުގެ މައްސަލަތައް ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ ހިއްސާ ކުރެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެއާޕޯޓާ ކައިރި ރަށްރަށުގެ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ގދ. ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ "ސަން"އަށް ވިދާޅުވީ ކާޑެއްދުއަކީ އަތޮޅުގެ ގިނަ ބަޔަކު ދަތުރުކުރާ ރަށެއް ކަމަށާއި، އަދި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އަތޮޅަށް އަންނަނީ ކާޑެއްދޫ މަގުން ކަމަށެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރުގެ ހާލަތު ގޯސް ވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގދ.ކާޑެއްދޫ ބަނދަރު ހަލާކުވެ ވެެއްޓެން ކައިރިވެފައި

"އެތަން ހަލާކުވެ ދިއުމަކީ ތިނަދޫއަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ. އަދި ޒަމާނުއްސުރެ ހުވަދު އަތޮޅުގެ ރައްޔިތުން ކާޑެއްދޫގެ ތަރައްގީއަށް ދެކެން ބޭނުންވި މަންޒަރަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނަ ކަމެއް މިކަމަކީ،" ސައުދު ވިދާޅުވިއެވެ.

ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާ އެއް ހެދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާ އެކު މަރާމާތުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

comment ކޮމެންޓް