ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލު ކުރަން ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އެކަމުގެ ސަބަބުން ވިލާ އެއާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް، ރައީސް ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު އެ އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގައިފަ އެވެ.
އެކަން ކުރީ އެތަނުގެ ހިންގުމުގެ ފެންވަރު ދަށްވުމުން ކަމަށް ބުނެ އެވެ. އެގޮތުން، އައިލެންޑް އޭވިއޭޝަނުގެ ބޯޓަކަށް ގެއްލުންވުމުން، އައިލެންޑް އޭވިއޭޝަނުން ހެދި އެއާޕޯޓުގެ ސޭފްޓީ އެސެސްމެންޓް ރިޕޯޓަކާއި ސިވިލް އޭވިއޭޝަނުން ހެދި ރިޕޯޓަކާއި އޭގެ ފޮލޯއަޕް ރިޕޯޓެއް ދައުލަތުން ކޯޓަށް ހުށަހަޅާފައިވެ އެވެ.
އެ މައްސަލައިގައި ވިލާ އެއާއިން ދައުވާ ކުރުން ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ނިންމާފައި އޮތީ ވިލާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި ބާތިލު ކުރި އެގްރީމަންޓާ އެއްގޮތަށް ދައުލަތުން އަމަލު ކުރުމަށް އަންގާފައިވެ އެވެ.
ހައިކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުން އެ މައްސަލަ ބަލައި، މިއަދު އެ ކޯޓުން ވަނީ އެ މައްސަލައިގައި ހުކުމްކޮށްފަ އެވެ.
ހުކުމުގައި ވަނީ އެއްބަސްވުމެއް ބާތިލު ކުރެވޭނީ އެއް ފަރާތަކުން އެއާ ހިލާފުވެއްޖެ ހާލަތެއްގައި އެ ހިލާފަކީ ބުރަދަނެއް ހުރި ހިލާފެއް ނަމަ ކަމަށެވެ. އަދި މި މައްސަލައިގައި ވިލާ އެއާއިން އެއްބަސްވުމާ ހިލާފަށް ކަމެއް ކޮށްފައިވޭތޯއާއި އެ ފަދަ ހިލާފުތަކެއް ވެފައިވާ ނަމަ، އެ ތުހުމަތުކުރެވޭ ހިލާފުތަކުގެ ނަތީޖާއަކީ ލީސް އެގްރީމެންޓު ސަރުކާރުން ނިމުމަކަށް ގެނައުން ޖަސްޓިފައި ކުރާ މިންވަރުގެ ބުރަދަންހުރި ނަތީޖާއެއްތޯ ބަލަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް، މި މައްސަލައިގައި އެފަދަ ބުރަދަނެއް ހުރި، ސީރިއަސް ނަތީޖާތަކެއް އުފެދުނު ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން، ހުކުމުގައި ވަނީ އެއްބަސްވުން އޭގެ މައްޗަށް ބާތިލު ކުރި ރިޕޯޓުތަކުގައިވާ ކަންކަން ފާހަގަކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޓަށް ގެއްލުންވީ ކާޑެއްދޫގައި ކަމެއް އައިލެންޑް އޭވިއޭޝަންގެ ރިޕޯޓުން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ރިޕޯޓަށް ފަހުވެސް އައިލެންޑް އޭވިއޭޝަންގެ ބޯޓުތައް ކާޑެއްދޫއަށް ޖެއްސިކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ އެ ރިޕޯޓުގައި ފާހަގަ ކުރީ އެހާ ސީރިއަސް ކަންތައްތަކެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނަކީ ވިލާގެ ވާދަވެރިއަކަށްވުމުން، ވިލާއިން އެ މީހުންގެ ރިޕޯޓު ބަލައިނުގަނެ އެވެ. ވިލާއިން އެ ރިޕޯޓަށް އިންކާރު ކުރާތީ އަދި ރިޕޯޓާ މެދު ޝައްކު އުފައްދާތީ އެ ޝައްކު ފިލުވަން، އެ ރިޕޯޓު ހެދި ބަޔަކު ކޯޓަށް ހާޒިރުކޮށް އެ ބަޔަކާ ސުވާލުކުރަން ދައުލަތުން މަސައްކަތް ކޮށްފައި ނުވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"މި ފަދަ ރިޕޯޓުތަކަކީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވެ ތެދުބުނުމަށް ހުވާކުރުމަށްފަހު އެ ރިޕޯޓުގައިވާ ކަންކަމަކީ ތެދުކަމަށް ބުނުމުގެ ކުރިން ކަމެއް ސާބިތުކުރުމަށް ޝަރީއަތުގައި ފުދޭނެ އެއްޗެއް ނޫނެވެ،" ހުކުމުގައިވެ އެވެ.
ސިވިލް އޭވިއޭޝަނުން ހެދި ކޮމްޕްލަޔެންސް އިންސްޕެކްޝަން ރިޕޯޓާއި އޭގެ ފޮލޯއަޕް ރިޕޯޓުގައިވެސް އެއާޕޯޓުގެ ފެންވަރު ދަށްވެގެން ހިންގުން ހުއްޓާލުމަށް ލަފާ ދީފައިވާކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އެ ރިޕޯޓުގައިވެސް ހުރީ، ނުނިމި ހުރި މަސައްކަތްތައް ނިންމުމާއި ފަޔާ ފައިޓިން އިކުއިޕްމެންޓު ގެނައުމުގެ ވާހަކަ އެވެ. އެ ރިޕޯޓުން އެނގެނީ ބައެއް ކަންކަން ރަނގަޅު ކުރަން މުހުލަތު ދީފައިވާކަން ކަމަށް ހުކުމުގައިވެ އެވެ.
ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ވިލާ އެއާ އިން ރަނގަޅު ނުކުރާ ކަމަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގެ މިންގަނޑުތަކާ އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓު ހިންގަމުން ގޮސްފައި ނުވާކަމަށް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެ އެވެ. އެ ކަންކަމަށް ވިލާ އެއާއިން އިންކާރުކޮށްފައިވާއިރު، ދައުލަތުގެ ތުހުމަތުތައް ސާބިތުވާނޭ ހެކި ހުށަހަޅާފައެއް ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
"ދައުވާކުރާ ފަރާތުން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ ދައުވާކުރާ ފަރާތުން ތުހުމަތުކުރާ ކޮންމެ ކަމަކީ ޝަރީއަތްކުރުމުގައި ހަމަޖެހިފައި އޮންނަ އުސޫލުން ހެކި ހުށަހަޅައިގެން ސާބިތުކޮށްދޭންޖެހޭ ކަމެއް ކަމެވެ. ހެއްކަކުން ބާރުލިބިފައި ނެތް ކޮންމެ ތުހުމަތަކީ ކަނޑުގައި އަޅާ ރޮނގެއް ފަދަ އެއްޗެއް ކަމެވެ،"
ބަދަލު ނެގޭނެ ކަމަށް ކުރި ހުކުމްތަކަށް ތާއީދު ކުރަމުން ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ގެއްލުމު ބަދަލު ހިސާބު ކުރާނެ ގޮތާ ބެހޭގޮތުން ލިޔުއްވާފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައި ވަނީ ހައިކޯޓުން ހުކުމްކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.