ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މާދަމާ ހުކުމް އިއްވަނީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަށް ހުކުމް އިއްވަން މާދަމާއަށް ތާވަލްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދާމާ ހެނދުނު 10:00އަށެވެ.

ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިގައެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަގައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް ކުރުމަށް ނިންމައިފައެވެ. ނަމަވެސް ޔާމީން ރަޝީދުގެ އާއިލާއިން އެދިގެން ވަނީ ހުކުމް ކުރުން ފަސްކޮށްފައެވެ.

ހުކުމް އިއްވެވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ލަސްކޮށްފައިވަނީ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުމުގައި ބައިވެރިނުވެވޭނެތީއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުރިހާ އަޑުއެހުމަކަށް ވެސް އޭނާގެ އާއިލާގެ ފަރާތުން މީހުން ދެއެވެ. އަދި ޔާމީން ރަޝީދަށް ހަމަލާ ދިން ގޮތުގެ ތަފްސީލް ކިޔައިދިން ޝަރީއަތުގެ އަޑުއެހުމެއްގައި އޭނާގެ އާއިލާގެ މީހަކު ވަނީ އަޑުން އަޑުނަގައި ރޮއިފައެވެ. އެ އަޑުއެހުން ކުޑަވަގުތުކޮޅަކަށް މަދުކަނޑާލުމަށްފަހު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުން ނިކުމެފައެވެ.

ޔާމީން ރަޝީދު މަރާލުމައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި ވަނީ ދައުވާ ލިބޭ ޒިހާނާއި ހައިޝަމަށެވެ. އަދި ދައުވާ ލިބޭ އިސްމާއީލް ރަޝީދަކީ ހަމަލާދިން މީހުންނާއެކު އެގެކައިރިއަށްގޮސް އެގޭގެ ބޭރުގައި މަޑުކޮށްގެން ހުރި މީހާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ގައިގެ 30 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވެއެވެ.

comment ކޮމެންޓް