ކޮވިޑް ހާލަތު ގޯސްވުމުން، ގައުމީ ދާރުލްއާސާރު ބަންދުކޮށްފި

ގައުމީ ދާރުލްއާސާރު: ދެ ހަފްތާގެ މުއްދަތަށް ވަގުތީ ގޮތުން މިހާރު ވަނީ ބަންދުކޮށްފައި--

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ، ގައުމީ ދާރުލްއާސާރު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ސަގާފީ ތަރިކަ ރައްކާ ކުރާ ގައުމީ މަރުކަޒުން މިއަދު ބުނީ ދާރުލްއާސާރުން ދެމުން އައި ހިދުމަތްތައް މެދުކަނޑައިލަން ނިންމައިފައިވަނީ ދެ ހަފްތާގެ މުއްދަތަކަށް ކަމަށެވެ.

މިއީ ރާއްޖޭގެ ކޮވިޑް ހާލަތުގެ އެލާޓު ރަތަށް ބަދަލުކޮށްފައިވާތީ ނިންމައިފައިވާ ނިންމުމެއް ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.

ކޮވިޑާ ގުޅިގެން މީގެ ކުރިން ވެސް ދާރުލްއާސާރާއި ނެޝަނަލް ލައިބްރަރީ ބަންދުކޮށްފައިވެއެވެ. އެގޮތުން ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި ހުރުމަށްފަހު އެތަންތަން އަލުން ހުޅުވައިފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

އެއިރު ދާރުލް އާސާރު އަލުން ހުޅުވިއިރު، އެ ތަނުގެ ލައިޓިންތައް ރަނގަޅުކޮށް ޑިސްޕްލޭއަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.

މިކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ޖޫން މަހު އަމަލު ކުރަން ފެށުމުން، ދާރުލް އާސާރަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ލައިޓްތަކަށް ގެނައި ބަދަލާ ގުޅިގެން ނާއިލް އިތުރަށް ވިދާޅުވީ ދާރުލްއާސާރުގެ އެތެރެއަށް އެހާ ބޮޑަށް އަލި ނުވި ނަމަވެސް، ތަނުގައި ހުންނަ ތަކެތި ފެންނާނެހެން، އެ ތަކެއްޗަށް އަޅުވާފައި ހުންނަ ލައިޓުގެ އަލިގަދަ ވާނެ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ފެންވަރުގެ ލައިޓިން ސިސްޓަމަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

comment ކޮމެންޓް