އަބޫދާބީގައި ޑްރޯން ހަމަލާއެއް: 3 މީހުން މަރު، 6 މީހަކަށް އެކިވަރުގެ ޒަޚަމްތައް

އީރާންގެ ޑްރޯނެއް؛ އީރާނަކީ ހޫތީންނަށް ވާގިވެރިވާ ގައުމެއް--- ފޮޓޯ: ރޮއިޓާސް

ޔޫއޭއީގެ އަބޫދާބީގައި ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ހޫތީން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފައެވެ.

އަބޫދާބީގެ ތިން ތެޔޮ ޓޭންކަރަކަށް ދިން މި ހަމަލާގެ ސަބަބުން އަބޫދާބީ އެއާޕޯޓުގެ އެކްސްޓެންޝަން އިމާރާތުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.

ޔޫއޭއީގެ ނޫސް އޭޖެންސީތަކުން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާގެ ސަބަބުން ތިން މީހުން ވަނީ މަރުވެފައެވެ. އަދި ހަ މީހަކަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާކަމަށް ރިޕޯޓްކުރެއެވެ.

މީގެއިތުރުން، މި ހަމަލާގައި އެހެނިހެން ގެއްލުންތައްވެފައިވާ މިންވަރު އަދި ދެނެގަނެވިފައި ނުވާކަމަށްވެސް އެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ހޫތީންގެ މިލިޓަރީ ތަރުޖަމާނު ޔަހްޔާ ސަރީ ބުނީ އެ ޖަމާއަތުން ޔޫއޭއީގައި މިލިޓަރީ އޮޕަރޭޝަނެއް ފަށާފައިވާކަމަށާއި، އިތުރު މައުލޫމާތުތައް ފަހުން ހިއްސާކުރާނެ ކަމަށެވެ.

ޔަމަނުގެ ވެރިރަށް ސަންއާ އާއި ޔަމަނުގެ އުތުރުގެ ސަރަހައްދުތައް ހިސޯރުކޮށްގެން އުޅޭ ހޫތީންނާ ދެކޮޅަށް ސައުދީން އިސްނަގައިގެން ހިންގާ ހަރަކާތްތަކުގައި ޔޫއޭއީ އަކީ މުހިންމު ބައިވެރިއެކެވެ.

ހޫތީން ވަނީ ސިއްހީ ސާމާނު އުފުލި، ޔޫއޭއީއަށް ނިސްބަތްވާ ކާގޯ ބޯޓެއްވެސް ހައިޖެކްކޮށްފައެވެ. ހޫތީން ބުނާ ގޮތުގައި އެ ބޯޓަކީ މިލިޓަރީ ކާގޯ ބޯޓެކެވެ. ނަމަވެސް ސައުދީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ދިވެހި ސަރުކާރުންވެސް ވަނީ ހޫތީންގެ މި ޖަރީމާ ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް