އިނގިރޭސިވިލާތުގެ ޖަމިއްޔާއަކާ ގުޅިގެން ޓީޗަރުން ތަމްރީނު ކުރަނީ

ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ގައިޑް އެޑިއުކޭޝަނާ ގުޅިގެން މުދައްރިސުންނާއި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެެޓަރީ އަހްމަދު އަލީ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ފެށޭނެ ކަމަށެވެ. މި ބުރުގައި ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ 500 މުދައްރިސުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އަހުމަދު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ ބައެއް ކޯސްތައް ކަމަށެވެ.

"ޓީޗަރުންގެ އުނގެނުމާއި، އުނގަންނައިދިނުމާއި، ކްލާސްރޫމް މެނޭޖްމަންޓާއި، ދެން ލީޑިން ޓީޗަރުންގެ ލީޑަޝިޕް ރޯލްސްތަކާއި، ސްކޫލް މެނޭޖްމަންޓާއި، ދެން ޖެނެރަލްކޮށް އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަންގެ ވެސް ބައެއް ކަހަލަ ކުރު ކޯސްތައް އޭގެ ތެރޭގައި ހިމެނޭނެ،" އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ގައިޑް އެޑިއުކޭޝަނަކީ 2009ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. ފާއިތުވި 12 އަހަރުގެ ތެރޭގައި އެ ޖަމިއްޔާއިން ވަނީ ޖުމްލަ 54 ގައުމެއްގައި އެކިކަހަލަ ޕްރޮގްރާމްތައް ހިންގާފައެވެ.

ރާއްޖޭގައި ބާއްވާ ކޯސްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ އޮންލައިން މަންސައެކެވެ.

comment ކޮމެންޓް