ރައްޔިތުންގެ އިތުބާރު ލިބޭވަރުގެ ކަންތައްތަކެއް ކުރެވިއްޖެ: ނައިބް ރައީސް

އުނގޫފާރު ހޮސްޕިޓަލްގައި މިއަދުބޭއްވި ރަސްމިއްޔާތުގައި ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ކޮވިޑްގެ ދަތިހާލުގައި ވެސް ރައްޔިތުންގެ އިތުބާރު ލިބޭވަރުގެ ކަންތައްތަކެއް ކުރެވިއްޖެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އުނގޫފާރު ހޮސްޕިޓަލްގައި ސީޓީ ސްކޭން, މެމޮގްރަފީ އަދި އޯޕީޖީ ހިދުމަތް އިފްތިތާހުކޮށް ދެއްވައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ, ރަނގަޅު ހިދުމަތްތަކެއް ތައާރަފްވެގެން ދިޔަ ނަމަވެސް އެކު އެކީގައި ގުޅިގެން މަސައްކަތް ނުކުރާނަމަ އެކަމުގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެން ނުދާނެ ކަމަށެވެ.

ކޮވިޑާއެކު ދުނިޔެ ބަންދުވެ ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައިސް ސިއްހީ ފަރުވާގެ ނިޒާމަށް ބުރުއަރައިގެންދިޔަކަން ފާހަގަކޮށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ, ހޮސްޕިޓަލްތަކުން ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އުނގޫފާރު ހޮސްޕިޓަލްގައި ސީޓީ ސްކޭން, މެމޮގްރޮފީ އަދި އޯޕީޖީ ހިދުމަތް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

"އެ ދުވަސްވަރު އަދި މިހާރުވެސް ހާއްސަކޮށް ހޮސްޕިޓަލްތަކުން ވަރަށް ރަނގަޅު ހިދުމަތްތަކެއް އާ ކަންތައްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ. ކޮވިޑް އަޅުގަނޑުމެންނާ އަރައި ހަމަވި ހިސާބުން އަޅުގަނޑުމެނަށް ފެނިގެންދިޔަ ހާއްސަކޮށް އަތޮޅުތަކުގެ ހޮސްޕިޓަލްތަކާ އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ މުވައްޒަފުން އެކުރި މަސައްކަތް. ރައްޔިތުން އިތުބާރު ހިފޭވަރުގެ ކަންތައްތަކެއް ކުރެވިއްޖެ," ނައިބް ރައީސް ވިދާޅުވިއެވެ.

އޯގާތެރިކަމާއި އަޅާލުމާއި ކުލުނާއެކު ގުޅިގެން މަސައްކަތް ކުރަން އިލްތިމާސްކޮށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރު އުފެދިފައި އޮތީ ރައްޔިތުންނަށްޓަކައި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ފަސޭހަކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ނަފުރަތް އުފެއްދުމާ ދެކޮޅުވެރިކަމާ އަރައިރުން އުފެއްދުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ޖާގަ ދީގެން ނުވާނެ. އަޅުގަނޑުމެން މިއަދު ބަލަންވީ އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ ރަށަށް އަޅުގަނޑުމެންގެ އަތޮޅަށް ކޮންކަމެއްތޯ އަޅުގަނޑުމެން ބޭނުންވަނީ އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެންވީ," ނައިބް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން އެ ދާއިރާގެ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަމަށް ފަރުވާލެއް ނުބަަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުނިނަމަވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނުގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް