އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް އަންނަ މަހު

އަށްވަނަ ނޭޝަނަލް ހޭންޑްބޯލް ޓޯނަމެންޓްގެ ތެރެއިން -- ފޮޓޯ/ ހެންޑްބޯލް މޯލްޑިވްސް

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް އިއުލާނުކޮށްފިއެވެ.

މި މުބާރާތް އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަން މިހާރު ވަނީ ހުޅުވާލާފައެވެ.

މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅޭ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން، މި މަހުގެ 27 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އެ އެސޯސިއޭޝަނަށް ފޮނުވަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ގަލޮޅު ދަނޑުގައި ހުންނަ ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެންމެ ފަހުން ބޭއްވުނު، ފަސްވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަނުންނެވެ.

ފިރިހެން ބައިގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޑީއެފްއިން ހޯދިއިރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯއެވެ.

comment ކޮމެންޓް