އާ މަޝްރޫއުތައް ފައްޓައިގެން ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި

ކޮމަންޑޫ އާއި މަތިކޮމަންޑޫ ބްރިޖަކުން ގުޅުވާލާގޮތުގެ ކުރެހުން: އެ މަޝްރޫއަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރޭ

ބޯމަތިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ނުފޫޒު ފޯރުވުން ހުއްޓައިލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާ ކޮމަންޑޫ އާއި އެރަށާއި އިންވެގެން އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށަން ނިންމުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި އެ ޖަމްއިއްޔާއިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން އިންތިހާބުގެ ނަޒާހާތްތެރިކަމާ މެދު ޝައްކު އުފެދޭނެ ކަމަށެވެ.

ކުއްލި ގޮތަަކަށް ބައި އިލެކްޝަނުގެ ކެމްޕޭނު ތެރޭގައި ސަރުކާރުން މިފަދަ މަޝްރޫއުތައް އިއުލާނުކޮށް ފެއްޓުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ މި މަޝްރޫއު ހިންގުމަށް އަވަސް އަރުވާލައިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ)އަށް ހުށަހަޅަން ޖެހޭ މައުލޫމާތު ތަކާއި ކުރަންޖެހޭ ސާވޭތައް ކުރުމަކާ ނުލައި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމުމަކީ ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރާފާނެ ކަމެއް ކަމަށެވެ.

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ.

އެ މަޝްރޫއު ރަސްމީކޮށް އަންނަ ހުކުރު ދުވަހު ފަށަން ވަނީ ނިންމައިފައެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ކުއްލިއަކަށް މި މަޝްރޫއު އިއުލާން ކުރުމުން އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭ މައްސަލައިގައި ވެސް އެ ކޮމިޝަނަށް ވަނީ ނުރުހުން އަމާޒުވެފައެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަކީ ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުންޏަސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

comment ކޮމެންޓް