ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން ލޯނު އުސޫލުން ފިލިއްޕޭ ކުޓީނިއޯ އެސްޓަން ވިލާއަށް ދޫކޮށް، ފަސް އަހަރު ފަހުން އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭނެ ކަމަށް އެސްޓަން ވިލާ އިން ޔަގީންކޮށްދީފިއެވެ.
އުމުރުން 94 އަހަރުގެ ބްރެޒިލްގެ ތަރި މީގެ ކުރިން ވަނީ ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ލިވަޕޫލަށް ކުޅެފައެވެ. އޭނާ ވަނީ 201 މެޗު ލިވަޕޫލަށް ކުޅެ 54 ގޯލު ޖަހާފައެވެ. އޭގެތެރެއިން އޭނާ ވަނީ ޖުމުލަ 152 މެޗު ޕްރިމިއާ ލީގުގައި ކުޅެ 41 ގޯލު ޖަހާ 35 އެސިސްޓް ހަދާފައެވެ.
އެސްޓަން ވިލާއަށް ގުޅުމަށްފަހު ކުޓީނިއޯ ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުނެފައިވަނީ އެ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަށް ކަމަށާއި އޭނާ އުފާވާ ކަމަށެވެ.
"އަހަރެން އެސްޓަން ވިލާއަށް ކުޅުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން. މިއީ ވަރަށް ރަނގަޅު ކުލަބެއް. އަހަރެން ކުލަބުގެ މެނޭޖަރާ ވެސް ވާހަކަ ދައްކައިފިން. އޭނާ އަހަންނަށް ކުލަބުގެ ގޮތް ވަރަށް ރަނގަޅަށް ކިޔައިދިން. ކުލަބަށް ރީތި ނަން ހޯދައިދިނުމަށް އަހަރެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ކުޓީނިއޯ ބުންޏެވެ.
ކުޓީނިއޯ ލޯނު އުސޫލުން އެސްޓަން ވިލާއަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެ ކުލަބަށް ކުޓީނިއޯ ކުޅޭނީ 23 ނަންބަރު ޖާޒީގައި ކަމަށް ކުލަބުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.
އިޓަލީގެ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓު ކަމަށްވާ ފެބްރިޒިއޯ ރޮމާނޯ ބުނެފައިވަނީ ކުޓީނިއޯ އެސްޓަން ވިލާއަށް ސޮއިކުރީ 40 މިލިއަން ޔޫރޯއަށް ކަމަށެވެ. އަދި ޓޮރޭޒްގެ މެޑިކަލް ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ވެސް ފެބްރިޒިއޯ ބުންޏެވެ.
ދުވެލިބާރު ކުޅުންތެރިޔާ ކުޓީނިއޯ ވަނީ 2008 ވަނަ އަހަރު އިންޓަ މިލާނަށް ސޮއިކޮށް އިޓަލީ ލީގުގައި ވެސް ކުޅެފައެވެ. އޭނާ 2013 ވަނަ އަހަރު ލިވަޕޫލަށް ސޮއިކޮށްފައެވެ. އޭގެ ފަސް އަހަރު ފަހުން އޭނާ ބާސެލޯނާއަށް ސޮއިކުރިއެވެ. ބާސާ އިން 2020 ވަނަ އަހަރު ކުޓީނިއޯ ވަނީ ލޯނު އުސޫލުން ބަޔާން މިއުނިކަށް ދޫކޮށްފައެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ކުޓީނިއޯ ކުޅެ އޭނާ ވަނި 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ތަށި އުފުލާލައިފައެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރު ކޮޕާ އިޓަލިއާ ކާމިޔާބުކޮށް 2018 ވަނަ އަހަރުގެ ލަލީގާ ކާމިޔާބުކޮށްފައެވެ. ބާސާއަށް ކުޅެ އޭނާ ވަނީ ކޮޕަ ޑެލް ރޭ ތަށި ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.