ރެއާލާ ދެކޮޅަށް މިރޭ ކުޅުމުގެ ކުރިން، ފެރާން ޓޯރޭޒް ބާސާގައި ރަޖިސްޓްރީކޮށްފި

ފެރާން ޓޮރޭޒް

ސުޕަ ކަޕްގެ ސެމީ ފައިނަލްގައި މިރޭ، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން، ފެރާން ޓޯރޭޒް ބާސެލޯނާގައި ރަޖިސްޓްރީކޮށްފިއެވެ.

މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ކުޅުނު ސްޕެއިންގެ ޓޮރޭޒް ޔޫރަޕުގެ ގަދަބާރެއް ކަމަށްވާ ބާސެލޯނާއަށް ރަސްމީކޮށް ސޮއިކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. ނަމަވެސް ކުލަބުގައި އޭނާ ރަޖިސްޓްރީ ކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ މާލީ ގޮތުން އެ ޓީމު ވެއްޓިފައި އޮތް ހާލަތުގެ ސަބަބުންނެވެ.

މީގެ އިތުރުން ފިލިއްޕޭ ކުޓީނިއޯ ލޯނުގެ އުސޫލުން އެސްޓަން ވިލާއަށް ދޫކުރަން ޖެހި މުސާރަ ބިލް ކުޑަ ކުރުމުގެ ގޮތުން މަސައްކަތްތަކެއް އެކުލަބުން ކުރި ނަމަވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

އުމުރުން 21 އަހަރުގެ މޮޅު ފޯވާޑު ބާސެލޯނާއަށް ސޮއިކުރީ ހަތް އަހަރު ދުވަހު އެޓީމަށް ކުޅުމަށް އެއްބަސްވުމަށްފަހުއެވެ. އޭނާ އެންމެ ފަހުން ސިޓީއަށް ކުޅުނު އިރު އެޓީމަށް ވަނީ 43 މެޗެއް ކުޅެދީ 16 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ގޯލު ޖެހުމަށް ހަތަރު ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ބާސާ އިން މިދިޔަ މަހު ވަނީ ޓޮރޭޒްގެ މެޑިކަލް ޓެސްޓުތަކެއް ހަދާފައެވެ. ބާސާއަށް ޓޮރޭޒް ގުޅުމުން، އެކުލަބުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 2027އާ ހަމައަށް ޓޮރެސް އެ ކްލަބްގައި ހުންނާނެ ކަމަށާއި އޭނާއަށް މަރުހަބާ ކިޔާ ކަމަށެވެ.

comment ކޮމެންޓް