އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ދާދި ފަހުން ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ބެލަންޑޯ އެވޯޑް" ހަތް ފަހަރަށް ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ.
ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ މެސީ ވަނީ 17 ސީޒަނުގައި ސްޕެއިންގެ ގަދަބާރު ބާސެނޯލާއަށް ކުޅެފައެވެ. ބާސާގައި އޭނާ ވަނީ 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް ހަ ފަހަރަށް ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްފައެވެ. އަދި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އޭނާ ވަނީ ހަތަރު ފަހަރަށް އުފުލާލައިފައެވެ.
އެންމެ ފަހުގެ ކޮޕާ އެމެރިކާ އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެސީ ވަނީ ފުޓުބޯޅައިގެ އެތައް ރެކޯޑެއް މުގުރާލައިފައެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ޕީއެސްޖީއާއި ކްލަބް ބްރޫޖް ކުޅުން މެޗުގައި މެސީ ޖެހި 758 ވަނަ ގޯލާއެކު ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލައިފައިވެއެވެ.
ހަމައެހެންމެ ފަސް ފަހަރަށް ގޯލްޑަން ބޫޓު ހޯދި މެސީ ވަނީ އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާގައި އާޖެންޓީނާއަށް ތަށި ކާމިޔާބުކޮށްދީ ދެކުނު އެމެރިކާގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޕެލޭގެ ރެކޯޑް 79 ގޯލާއެކު މުގުރާލައިފައެވެ.
މެސީ ދެން އެންމެ އަވަހަށް ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ވާދަކުރަން ހަމަޖެހިފައިވަނީ ރެއާލް މެޑްރިޑާއެވެ. ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރަށް ކާމިޔާބުކޮށް ރެކޯޑް ހަދާފައިވާ ވަރުގަދަ ކުލަބެކަށްވުމާއެކު އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު މެސީ ރެއާލާ ދެކޮޅަށް ކުޅޭނެއެވެ.
މެސީ އެންމެ ފުރަތަމަ ރެއާލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނީ 2005 ވަނަ އަހަރުއެވެ. އެ މެޗުގައި މެސީ ވަނީ ސަމުއޭލް އެޓޫ ޖެހި ގޯލަށް އެސިސްޓު ހަދައިދީފައެވެ. މެސީ އެންމެ ފުރަތަމަ އެލްކްލެސިކޯ ގޯލު ޖަހާފައިވަނީ 19 ނޮވެމްބަރު 2005 ވަނަ އަހަރުގައެވެ. މެސީ ވަނީ ލަލީގާގައި ރެއާލާ ދެކޮޅަށް ޖުމުލަ 29 މެޗު ކުޅެ 18 ގޯލު ޖަހާ ނުވަ އެސިސްޓް ހަދާފައެވެ.
މެސީ ރެއާލާ ދެކޮޅަށް ޖަހާފައިވަނީ ކިތައް ފްރީކިކް ގޯލު އަދި ކިތައް ޕެނަލްޓީ؟
މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ފްރީކިކް ޖަހާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލާ ދެކޮޅަށް ދެ ފްރީކިކް ގޯލު ޖަހާފައެވެ. އެ ދެ ގޯލު ޖަހާފައިވަނީ 2012 ވަނަ އަހަރު ލަލީގާ އާއި ސުޕާކޮޕާގައި އެޓީމާ ދެކޮޅަށް ކުޅެއެވެ. ހަމައެހެންމެ މެސީ ވަނީ މިހާތަނަށް ޖުމުލަ 58 ފްރީކިކް ގޯލު އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި ޖަހާފައެވެ. މެސީ ވަނީ ރެއާލާ ދެކޮޅަށް ހަ ޕެނަލްޓީ ގޯލު ކާމިޔާބުކޮށްފައެވެ.
މެސީ ރެއާލާ ދެކޮޅަށް ހަދާފައިވާ ރެކޯޑްތައް!
އުމުރުން 34 އަހަރުގެ މެސީ އޭނާގެ އެންމެ ފުރަތަމަ ހެޓްރިކް ރެއާލާ ދެކޮޅަށް ހަދާފައިވަނީ 2007 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ބާސާ 3-4 އަކުން އެލްކްލެސިކޯގައި މޮޅުވި މެޗުގައި ހެޓްރިކް ހަދާފައެވެ. މި ދެ ހެޓްރިކާއެކު އޭނާ ވަނީ އެލްކްލެސިކޯގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.
މެސީ ރެއާލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ދެ މެޗު ކުޅެފައިވާއިރު އޭނާ ވަނީ އެއް މެޗުން މޮޅުވެ ދެ ގޯލު ޖަހާފައެވެ.
ލަލީގާގައި 29 މެޗު އޭނާ ރެއާލާ ދެކޮޅަށް ކުޅުނު އިރު 18 ގޯލު ޖަހާ ނުވަ އެސިސްޓު ހަދާފައިވެއެވެ.
މެސީގެ ހުނަރުގެ ޖާދޫގައި ރެއާލްގެ ކުޅުންތެރިންނަށް ބަލަން ތިބެވުނު އިރު މެސީ ވަނީ ސުޕަ ކޮޕާގައި ހަ މެޗު ރެއާލާ ދެކޮޅަށް ކުޅުނުއިރު ހަ ގޯލު ޖަހާ ދެ އެސިސްޓު ހަދާފައެވެ.
މީގެ އިތުރުން ޖުމުލަ 45 މެޗު ރެއާލާ ދެކޮޅަށް މެސީ ކުޅުނުއިރު އޭނާ ވަނީ 19 މެޗުން މޮޅުވެ 26 ގޯލު ޖަހާ 14 އެސިސްޓު ހަދާފައެވެ. މެސީ އޭގެ ތެރެއިން ބަލިވީ 15 މެޗުން ކަމަށްވާއިރު 11 މެޗުން ވަނީ އެއްވަރުވެފައެވެ.
ފުޓުބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގަައި ދުނިޔޭގެ އެތައް ރެކޯޑެއް މުގުރާލައިފަވެ. ބާސާގައި ހޭދަކުރި ދުވަސަތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު އަދި 2020-21 ވަނަ އަހަރުގެ ކޮޕަ ޑެލް ރޭ ހިމެނެއެވެ.