ރޮހިންގްޔާ މުސްލިމުންގެ ފޭލިގެތަކުގައި އަލިފާންރޯވެ އެތައް ހާސް ފޭލިގެއެއް އަނދައިފި

ރޮހިންގްޔާ މުސްލިމުންގެ ފޭލިގެތަކުގައި އަލިފާން ހިފާފައި-- ފޮޓޯ: ރޮއިޓާސް

ކޮކްސް ބާޒާރު (10 ޖަނަވަރީ 2022) : ހާލުގައި ޖެހިފައިވާ ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ އެތައް ލައްކަ ބަޔަކު ދިރިއުޅޭ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެމީހުންގެ ފޭލިގެތަކާއި ހިފައިގެންގުޅޭ ތަކެތި އަނދައި ހުލިވެއްޖެއެވެ.

ބަންގްލަދޭޝްގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ކޮކްސް ބާޒާރުގައި ރޮހިންގްޔާ މުސްލިމުން ދިރިއުޅޭ ފޭލިގެތަކެއްގައެވެ. ވަޔާއެކު އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔުމުން އިތުރު ފޭލިގެތަކާއި އެތަންތަނުގައިވާ ތަކެއްޗާއި މުދައު އަނދައިގެން ގޮސްފައިވާކަމަށާ ގެއްލުންތަކުގެ އަގު އެތައް މިލިޔަނަކަށް އަރާނެކަމަށް ބަންގްލަދޭޝްގެ މަސްއޫލުވެރިއާ ވިދާޅުވިއެވެ.

ރޮހިންގްޔާ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުންނެވެ. އެމީހުން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝް އަށް ހިޖުރަކުރީ މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި ސިފައިން ގުޅިގެން އެމީހުންނަށް އަނިޔާކޮށް ގެދޮރުގައި ހުޅުޖަހައި އެމީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް އެމީހުންނާ ދެކޮޅަށް ހިންގަން ފެށުމުން އެކަމުން ސަލާމަތްވުމަށްޓަކައެވެ.

ކޮކްސް ބާޒާރު ސަރަހައްދުގައި ރޮހިންޔާ މުސްލިމުންގެ މިލިޔަނަކަށްވުރެ ގިނަމީހުން ވަރަށް ހާލުގައި ދިރިއުޅެއެވެ. މިދިޔަ އަހަރުގެ މާޗް މަހުގެތެރޭގައި ވެސް ކޮކްސް ބާޒާރުގައި އަލިފާނުގެ ޙާދިސާއެއް ހިނގިއެވެ. އެ ހާދިސާގައި ދިހަހާހަށްވުރެ ގިނަ ފޭލިގެ އަނދައި ރޮހިންޔާ މުސްލިމުންގެ 15 މީހުން މަރުވެ އެތައް ބަޔަކު ފިހިފައިވެއެވެ. އަލިފާނުގެ ހާދިސާތައް ހިނގަނީ ފޭލިގެތައް ތޮއްޖެހިފައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެތުމުގެ ސަބަބުންކަމަށް ބަންގްލަދޭޝްގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

comment ކޮމެންޓް