ކަޒަޚިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 160 މަރު، 5000 މީހުން ހައްޔަރަށް

ކަޒަޚިސްތާނުގެ ހަމަނުޖެހުންތަކުގެ ތެރެއިން؛ ފޮޓޯ - ރޮއިޓާސް

ކަޒަޚިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 160 މީހުން މަރުވެ، 5000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ކަޒަޚިސްތާނުގައި ސަރުކާރާ ދެކޮޅަށް ކުއްލި ގޮތަކަށް ކުރަންފެށި ހަރުކަށި އިހްތިޖާޖްތަކުގައި ގިނަ ބަޔަކު މަރުވެފައިވާއިރު، ހަމަނުޖެހުންތަކަށް ހުއްޓުވުމެއް ގެނައުމަށްޓަކައި މީހުން ގަޔަށް ބަޑިޖަހައި މެރުމުގެ ހުއްދަ އެ ގައުމުގެ ރައީސް ވަނީ ދީފައެވެ.

ކަޒަޚިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެ ހަމަނުޖެހުންތަކުގެ ސަބަބުން 198 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ގެއްލުންވެފައިވެ އެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ވަނީ 100 އަށްވުރެ ގިނަ ވިޔަފާރިތައް ލޫޓުވާފައެވެ.

މީގެއިތުރުން 400 އަށްވުރެ ގިނަ ވެހިކަލްތަކަށް ގެއްލުންދީފައިވާކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ހަމަނުޖެހުންތަކުގައި ކަޒަޚިސްތާނުގެ އަލްމާއަތާއިން އެކަނިވެސް 103 މީހުން މަރުވެފައިވެއެވެ.

ކަޒަޚިސްތާނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ، ހަމަނުޖެހުންތައް ހަމައަކަށް އެޅިފައިވާ ކަމަށާއި، އެ ގައުމުގެ ހުރިހާ ސަރަހެއްދެއްގައި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. މީގެއިތުރުން އޭނާ ވަނީ މިކަމުގެ އަޑީގައި ތިބި މީހުންނާ ދެކޮޅަށް ތަހުގީގު ހިންގާކަން ހާމަކުރައްވާފައެވެ.

ކަޒަޚިސްތާނުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް އެ ގައުމުގެ ރައީސް ކަނޑައެޅުއްވި 'ޝޫޓް ޓު ކިލް' ސިޔާސަތަށް ގިނަ މީހުން ފާޑުކިޔާފައިވާއިރު، މިހާރު އެ ގައުމުގައި ހަމަނުޖެހުންތައް ވަނީ ހުއްޓުމަކަށް އައިސްފައިއެވެ.

ކުރީގައި ދުނިޔޭގެ ގަދަބާރެއް ކަމަށްވާ ސޯވިއެޓް ޔުނިޔަންއަށް ނިސްބަތްވާ އިސްލާމީ ގައުމެއް ކަމަށްވާ ކަޒަޚިސްތާނަކީ ހަމަނުޖެހުން ނުހިނގާ އަދި ސަރުކާރާ ދެކޮޅު ހަރަކާތްތައްވެސް މިހާތަނަށް ނުފެންނަ ގައުމެކެވެ. ނަމަވެސް މީލާދީ އައު އަހަރާއެކު ފެށުނު މި އިހްތިޖާޖްތަކާއެކު ކަޒަޚިސްތާނުގެ އަމަން އަމާންކަން ވަނީ މުޅިން ގެއްލިގެން ގޮސްފައެވެ.

comment ކޮމެންޓް