ބަންގާޅުގައި ހުރި ރޮހިންޖާ ރެފިއުޖީ ކޭމްޕެއްގައި ރޯވެ، 5000 މީހުން ބޯހިޔާވަހިކަމެއް ނެތި

ބަންގްލަދޭޝުގައި ހުރި ރޮހިންޖާ ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވެފައި: ފޮޓޯ - ރޮއިޓާސް

ބަންގްލަދޭޝްގައި ހުރި ރޮހިންޖާ މުސްލިމުންގެ ރެފިއުޖީ ކޭމްޕެއްގައި ރޯވެއްޖެއެވެ.

ދެކުނުއިރުމަތީ ބަންގާޅުގައި ހުރި މި ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވުމުގެ ސަބަބުން 5000 އަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

"ގާތްގަނޑަކަށް 1200 ވަރަކަށް ގެތައް އަލިފާނުގައި އަނދާފައިވޭ،" ބަންގްލަދޭޝް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ބަންގްލަދޭޝް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށެވެ.

ބަންގާޅުގައި ތިބޭ ރޮހިންޖާ ރެފިއުޖީންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ގައުމަށް ވަނީ ނުކުޅެދިފައެވެ. އެގޮތުން ރެފިއުޖީންގެ ކޭމްޕުތަކުގައި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ނުހުރެއެވެ.

މި އަލިފާނުގެ ހާދިސާއާއެކު ގިނަ މީހުންގެ މުދަލަށް ގެއްލުންވެ، ފޫނުބެއްދޭވަރުގެ ގެއްލުން ވެފައިވާ ކަމަށް އެމީހުން ބުނެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މިޔަންމާގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވެ، އަމިއްލަ ގައުމު ދޫކޮށް ބަންގާޅުން ރެފިއުޖީކަން ހޯދަންޖެހުނު ރޮހިންޖާ ދަރިކޮޅުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.

އދ.އިން ވަނީ މިޔަންމާއިން ހިންގި އެ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ އެ ގައުމާއެކު އޮތް ވިޔަފާރީގެ ގުޅުންވެސް ކަނޑާލާފައެވެ.

comment ކޮމެންޓް