ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް މާޒިޔާ ފައިނަލާ ގާތަށް ޖެހިލައިފި

މާޒިޔާ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން --- ފޮޓޯ/ މާޒިޔާ

ޕްރެޒިޑެންޓްސް ކަޕްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ހެޓްރިކާއެކު މާޒިޔާ ސްޕޯޓްސް ކުލަބުން ޔުނައިޓެޑް ވިކްޓްރީ(ޔޫވީ) ބަލިކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 0-4ގެ ނަތީޖާއިން ޔޫވީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މޮޅާއެކު މާޒިޔާ އިން ވަނީ ފައިނަލަށް ދަތުރުކުރުމުގެ އުންމީދު ދަމަހައްޓާފައެވެ. މާޒިޔާ މިހާރު އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައެވެ. ދެވަނައިގައި 15 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު މާޒިޔާ އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮނޭލިއަސް ސްޓެވާޓް(ކޯނޭ) މާޒިޔާއަށް ލީޑު ނަގައިދިނެވެ. އޭރިއާތެރެއިން ކޯނޭއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފު ފަށައިގެން އެއް ވަނަ މިނެޓުގައި މާޒިޔާ އިން ލީޑު ފުޅާކުރިއެވެ. އެ ގޯލު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އިއްބެއެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާތެެރެއިން ލިބުނު ބޯޅަ އިއްބެ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފައެވެ. ޔޫވީ އިން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް މާޒިޔަގެ ކީޕަރު ކިރާން ކުމާރު ލިމްބޫ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އައިސަމް އިބްރާހިމް އުފެއްދި ގިނަ ހަމަލާތަކެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާއަށް އިއްބެ ކާމިޔާބުކޮށްދިން ގޯލާއެކު އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. މިއީ މި ސީޒަނުގައި ތަފާތު ދައްކަމުން އަންނަ އިއްބެގެ ހަތް ވަނަ ގޯލެވެ.

ފައިނަލުގެ ޖާގަ ލިބެނީ އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ކަމަށްވާއިރު މިވަގުތު ފައިނަލުގެ އުންމީދު އެންމެ ބޮޑީ މާޒިޔާއަށާއި ވެލެންސިއާއަށެވެ. އަދި ގްރީން ސްޓްރީޓްސް އޮތީ 12 ޕޮއިންޓު ހޯދައިގެން ތާވަލުގެ ތިންވަނައިގައެވެ. މި ވާދަވެރި ތިން ޓީމަށް ވެސް ބާކީ ދެން ކުޅެން ހަމަޖެހިފައިވަނީ ދެ މެޗެވެ.

އެގޮތުން މާޒިޔާއިން ކުރިމަތިލާނީ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ވެލެންސިއާ އާއި ގްރީންއާއެވެ.

comment ކޮމެންޓް