ކަޒަޚިސްތާނަށް ރަޝިއާ ވަނުމުން އެމެރިކާ ކަންބޮޑުވެއްޖެ

ރަޝިއާ ސިފައިން ކަޒަޚިސްތާނަށް ދިޔުމަށް ފުރަނީ

ވޮޝިންޓަން (8 ޖަނަވަރީ 2022) : ކަޒަޚިސްތާނުގެ ވެރިކަން ގަދަބާރުން ވައްޓާލައި ބަޣާވާތެއް ގެނައުމަށްކުރި މަސައްކަތް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އެދުނު އެދުމުގެ މަތިން ރަޝިއާގެ ބާރުތައް އެގައުމަށް ވަނުމުން އެކަންވަރަށް ގާތުން ބަލަމުންގެންދާކަމަށް އެމެރިކާ ބުނެފިއެވެ.

ވައިޓްހައުސްއިން ބުނިގޮތުގައި އެމެރިކާ ގެންދަނީ ކަޒަޚިސްތާނުގެ ކަންކަން ވަރަށް ގާތުންބަލަމުންނެވެ. ޚާއްސަކޮށް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމުތަކުގެ މެދުގައި އޮންނަ ކޮލެކްޓިވް ސެކިއުރިޓީ ޓްރިޓީ އޮގަނައިޒޭޝަން ގެ ބާރެއް ކަޒަޚިސްތާނަށްގޮސް އެގައުމުގެ އަމަނާބެހޭ ކަންކަން ބަލަހައްޓާ މައްސަލަ ވަރަށް ގާތުންބަލަމުން ގެންދާކަމަށް ވައިޓް ހައުސް އިން ބުނެފައިވެއެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އެމެރިކާގެ ތާއީދުއޮތީ ކަޒަޚިސްތާނުގެ ދަސްތޫރީ މުއައްސަސާތަކަށާ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ރަޝިއާ ސިފައިން ކަޒަޚިސްތާނަށް ދަނީ

ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމުތަކުގެ މެދުގައި އޮންނަ ކޮލެކްޓިވް ސެކިއުރިޓީ ޓްރިޓީ އޮގަނައިޒޭޝަންގެ ދަށުން ކަޒަޚިސްތާނަށްގޮސްފައިވަނީ ރަޝިއާގެ ބާރެކެވެ. ރަޝިއާގެ 2500 ސިފައިންގެ މައްޗަށް އެކުލެވޭ ބާރެއް ވަނީ ކަޒަކިސްތާނަށް ގޮސްފައެވެ. އެބާރުތައް ގޮސްފައިވަނީ ރަޝިއާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުގެ 70 ބޯޓުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަޒަޚިސްތާނުގައި ރަޝިއާގެ ބާރު މިހާ ގަދަވެފައިވާއިރު ރަޝިއާ ވަނީ ކަޒަޚިސްތާނުގެ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ ބޭރުގެ ފަރާތްތަކެއް ކަމަށް ފާޅުގައި ބުނެފައެވެ. ކަޒަޚިސްތާނުގެ ރައީސް ގާސިމް ޔޮމަތު ތޮކަޔޭވް ވެސް ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރު ވައްޓާލުމުގެ ރޭވުންތަކުގައި އިސްކޮށް ހަރަކާތްތެރިވީ ބޭރުގައުމުތަކުން ތަމްރީން ލިބިފައިވާ ޓެރަރިސްޓުންނާއި އަނދިރި ބާރުތަކެކެވެ. ނަމަވެސް އެފަރާތްތަކުގެ ފަހަތުގައިވާ ގައުމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ކަޒަކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 50 އަށްވުރެ ގިނަ މީޙުން މަރުވެފައިވާއިރު އޭގެތެރޭގައި އާއްމުންނާއި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. މީގެއިތުރުން އެއްހާސް ދުއިސައްތައަށްވުރެ ގިނަމީހުންވަނީ ޒަޚަމްވެފައެވެ.

ކަޒަޚިސްތާނުގައި ހިންގި ހަމަނުޖެހުންތަކުގައި ސަރުކާރުގެ އެތައް އިމާރާތެއްގައި ހުޅުޖަހައި އެތަންތަންވަނީ އަންދާލާފައެވެ. ހަމަނުޖެހުންތައް ހިންގުމުގައި އިސްކޮށް އުޅުނު އެތަށް ހާސްބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ކަޒަޚިސްތާނުގެ ރައީސް ގާސިމް ޔޮމަތު ތޮކަޔޭވްވަނީ މުޒާހަރާ ކުރާ މީހުންގެ ގަޔަށް އެއްވެސް އިންޒާރަކާ ނުލައި ބަޑިޖެހުމަށް ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވާފައެވެ.

ކަޒަޚިސްތާންގެ މުޒާހަރާވެރިންގެ ތެރޭގައި ހިމެނޭ އިސްމީހުންގެ އަތުގައި ހަތިޔާރު ހުރިކަމަށާ އެމީހުންގެ ހަތިޔާރުގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 18 މީހަކު މަރާލާފައިވާ ކަމަށް އެގައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. ރަޝިއާގެ ބާރުތައް ދިޔުމާއެކު ހަމަނުޖެހުންތައްވަނީ ކޮންޓްރޯލް ކުރެވިފައެވެ.

comment ކޮމެންޓް