އެމެރިކާއިން ރަޝިއާއަށް ޗިޕް އެތެރެ ކުރުމުގައި ރާއްޖޭގެ ބޮޑު ދައުރެއް

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ޗިޕް ނުވަތަ ސެމީކޮންޑަކްޓަރު އެތެރެކުރުން ހުއްޓާލުމާއެކު ރަޝިއާއަށް އެތަކެތި އެތެރެ ކުރުމުގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރަން ފަށައިފިއެވެ.

ޗިޕް ނުވަތަ ސެމީކޮންޑަކްޓަރަކީ އިލެކްޓްރޯނިކް އާލާތްތަކާއި އަސްކަރީ ފެންވަރުގެ އާލާތްތަކާއި ހަތިޔާރު އުފެއްދުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

ރާއްޖެ މެދުވެރިކޮށް އެހެން ގައުމަކަށް މުދާ އެތެރެ ކުރެވޭ ދެ ގޮތެއް އޮވެއެވެ. އެއީ ރާއްޖެއަށް މުދާ ބާލައި، ކަސްޓަމްސްއިން ކްލިއާ ކުރުމަށް ފަހު އަލުން ބަރުކޮށްގެން ބޭރަށް ފޮނުވުން ނުވަތަ ކަސްޓަމްސްއިން ކްލިއާ ކުރުމަކާ ނުލައި، ރާއްޖެ އެތެރެވާ އިރު ހުރި ގޮތަށް ޝިޕްމަންޓް ބޭރަށް ފޮނުވުމެވެ.

އިންޑިއާގެ ރިސާޗް ކުންފުންޏެއް ކަމަށްވާ އެކްސްޕޯޓް ޖީނިއަސްއިން ހޯދި ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ތަފާސްހިސާބުތަކަކާ ހަވާލާދީ ބޭރުގެ ނޫހެއް ކަމަށްވާ ނިކެއި އޭޝިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތް އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް ހަތަރު ލައްކަ ސެމިކޮންޑަކްޓަރު ރާއްޖެ މަގުން ރަޝިއާއަށް ފޮނުވާފައިވެއެވެ. އެމެރިކާގައި އުފައްދާ މި ތަކެތީގެ އަގު 53.6 މިލިއަން ޑޮލަރަށް އަރައެވެ.

ރެކޯޑުތަކުން ދައްކާ ގޮތުގައި މީގެން ކޮންމެ ޝިޕްމަންޓެއްގެ އަގު 50،000 އެމެރިކާ ޑޮލަރަށް އަރައެވެ.

ހަނގުރާމައިގެ ކުރިން ރަޝިއާއިން ޗިޕު އެންމެ ގިނައިން އިމްޕޯޓް ކޮށްފައިވަނީ ޗައިނާ މެދުވެރިކޮށެވެ. ރާއްޖެއަކީ ސެމީކޮންޑަކްޓަރުގެ މާކެޓެއް އޮތް ގައުމަކަށް ނުވާއިރު، ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމުގެ ކުރިން އެފަދަ ޗިޕުގެ އެއްވެސް ޝިޕްމެންޓެއް އެތެރެކޮށްފައެއް ނުވެއެވެ.

ނަމަވެސް ނިކެއި އިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓު ކުރި ތަކެތީގެ އަގު ގާތްގަނޑަކަށް 280 މިލިއަން ޑޮލަރަށް އަރައެވެ. އެ އަދަދުގެ 20 އިންސައްތަ ހިއްސާ ކުރަނީ ރަޝިއާއަށް އެތެރެ ކުރި ޝިޕްމަންޓުތަކުގެ އަގެވެ.

ހަނގުރާމައިގެ ސަބަބުން މާލެ އާއި މޮސްކޯއާ ދެމެދު ދަތުރުތައް މެދުކަނޑާލުމަށް ފަހު، މިދިޔަ އަހަރުގެ މެއި މަހު އަލުން ރަޝިއާގެ އެއާލައިން ކުންފުނި އެރޯފްލޮޓްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާއެކު ޝިޕްމަންޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ނިކެއި އިން ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން 'ޓްރާންސިޓް ޕޮއިންޓް'އެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ރަޝިއާއިން ޗިޕް އެތެރެކުރާ ކަން އެމެރިކާގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ.

ރާއްޖެއިން ރަޝިޔާއަށް ރީއެކްސްޕޯޓު ކޮށްގެންނާއި ޓްރާންސްޝިޕްމެންޓްކޮށް ވެސް މުދާ ފޮނުވާއިރު، ރަޝިއާއަށް ރީއެކްސްޕޯޓު މުދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން ފޮނުވާފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ޓްރާސްޝިޕްމަންޓްތަކުގެ ގޮތުގައި ފޮނުވާ ކްލިއަރެންސްގެ މަސައްކަތް ކަސްޓަމްސްއިން ނުކުރެއެވެ.

comment ކޮމެންޓް