ކުރިއަށް އޮތް ތަނުގައި އަގު ހެޔޮކޮށް ޑޮލަރު ލިބޭނެ: ފައްޔާޒް

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭއްވި ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނޫސްވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރިއަށް އޮތް ދުވަސްތަކުގައި އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް އައިސް، ޑޮލަރުގެ އަގު ވެސް ހެޔޮ ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ ސަރުކާރުން މިހާރު ވެސް ރައްޔިތުންނަށް ޓަކައި ގިނަ ކަންކަން ކޮށްދީފައިވާ ކަން ފާހަގަކުރައްވާ މި ސަރުކާރު "ހަމަ ސްލޯ ތޯ" ސުވާލުކުރައްވައިފައެވެ.

" 100އަށް ވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާ ކުރިޔަށްދާ ވާހަކަ. 100 ދަނޑުގެ ވާހަކަ އަޑު އިވިއްޖެ. އެތައް އިންޖީނު ގެއެއް އެޅި، ނުވަތަ ބަދަލު ކުރުމުގެ ވާހަކަ އެބަ އިވޭ. އެތައް ސްކޫލުތަކެއް އެޅި، އެތައް ކްލާސްރޫމްތަކެއް އެޅި، އެތައް މިސްކިތްތަކެއް އެޅި، މިފަދަ އެތައް ބައިވަރު އެތައް އުމްރާނީ ތަރައްޤީތަކެއް މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރެވޭ ވާހަކަ މިދައްކަނީ،" ފައްޔާޒް ވިދާޅުވެއްޖެއެވެ.

ހަމައެހެންމެ އިިންޓަނެޓު އަގު ވެސް މިހާރު ހެޔޮ ވެފައިވާ ކަމަށާއި ނެޓު ސްލޯ ވުމުގެ ވާހަކައާއި އަގުބޮޑު ވުމުގެ ޝަކުވާ މިހާރު އެއްވެސް ބަޔަކު ނުކުރާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖު ކަނޑައަޅައިފައިވާ ކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި ނުކުރެވި ހުރި އުމްރާނީ އެތައް ކަމެއް މުޅި ދުނިޔެ ހުއްޓުމަށް އައިސްފައި ވަނިކޮށް، މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ. އަދި މި ކަންކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކޮށްދެވިފައި ނުވާ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.

"އަދިވެސް ބުނާނެ ސްލޯއޭ، ކަމެއް ނުކުރެވެޔޭ،" ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ހައްގުގައި އެތައް ބޮޑެތި ބަދަލުތަކެއް ގެންނަން ކެރިވަޑައިގަންނަވަނީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު ވެސް ހެޔޮވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ޝައްކު ނުކުރައްވާތި، ޑޮލަރު ވެސް އަގުހެޔޮކޮށް ލިބޭނެ ކުރިއަށް އޮތް ތަނުގައި،" ފައްޔާޒް ވިދާޅުވިއެވެ.

ކޮވިޑްގެ މި ވަބާގެ ތެރެއިން އަދި ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަން ފާހަގަކުރައްވައި އެ ދަތިކަމުގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް