އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން، ނައިޓްމާކެޓް ހިންގަން ދިން ހުއްދަ ބާތިލުކޮށްފި

"ސިޓީ ނައިޓް މާކެޓް" ގެ ތެރެއިން - ސަން ފޮޓޯ/މުހައްމަދު ހައްޔާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނައިޓްމާކެޓް ހިންގަން ރޭ ދިން ހުއްދަ، މިއަދު ބާތިލުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އެ ހުއްދަ ބާތިލު ކުރީ ނައިޓްމާކެޓް ހިންގަމުން ދަނީ އެ އޭޖެންސީގެ ގައިޑްލައިނާ ހިލާފަށްކަން ފާހަގަ ކުރެވުމުންނެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައި ފެށި ނައިޓް މާކެޓް އިއްޔެ ހުއްޓާލިއެވެ. އެއީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް އެޗްޕީއޭއިން އެންގުމުންނެވެ.

އެކަމާ ގުޅިގެން ނައިޓް މާކެޓްގައި ބައިވެރިވި ގިނަ ބަޔަކު އެޗްޕީއޭއާ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމުން، އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ރޭ ދިނެވެ.

އެޗްޕީއޭއިން އެ ހުއްދަ ދިނީ، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް އިރުޝާދު ދިނުމަށް ފަހުއެވެ.

ނަމަވެސް އެޗްޕީއޭއިން މިއަދު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ރަސްފަންނުގައި ނައިޓް މާކެޓް ކުރިއަށްގެންދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ނުދީކަން ފާހަގަ ކުރެވުނު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންކަމުން އެ ބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އަންގައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ސިޓީ ކައުންސިލުން ރޭ ބުނީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެ ކައުންސިލުން ދޫކުރާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވިޔަފާރި ކުރަން އެއްބަސްވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

comment ކޮމެންޓް