ހޯމް ސޯލާ ޕްރޮގްރާމުން ރައްޔިތު މީހާގެ ޖީބަށް ލުއިވާނެ: ސައީދު

ފެނަކަ ކޯޕަރޭޝަނާ މިއަދު ހޯމް ސޯލާ މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އަހުމަދު ސައީދު މުހައްމަދު ވާހަކަދައްކަވަނީ-- ފޮޓޯ/ ފެނަކަ

މިއަދު ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ހޯމް ސޯލާ ޕްރޮގްރާމްގެ މަޝްރޫއު ހިންގުމުން ރައްޔިތު މީހާގެ ޖީބަަށް ލުއިވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެވެ.

ހޯމް ސޯލާ ޕްރޮގްރާމް ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ޖީބަށް ލުއިވާނެ ގޮތަށް ކަންކަން ރާވާ ހިންގާ ޕާޓީއެއް ކަމަށެވެ.

"2007 ވަނަ އަހަރާ ހަމައަށް ކުޑަ ކުޑަ މިންވަރެއް ސޯލާގެ މަސައްކަތް އެބަހުރި ދިވެހި ސަރުކާރު މެދުވެރިކޮށް ކުރެވިފަ. 2008 ވަނަ އަހަރުގަ ވުޖޫދުވި އެމްޑީޕީ ސަރުކާރުގަ ވަރަށް ފުޅާކޮށް އެކަން ކުރި،" ސައީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފުޅާދާއިރާއެއްގައި އިޔާދަކުރަނިވި ހަކަތަ އުފައްދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިގެ ގޮތުގައި މެގަވޯޓުން ކަރަންޓު އުފެއްދޭކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުތައް އޭރު ފަރުމާކުރެވިފައިވަނީ ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮވާނެ ގޮތެއްގައި ނޫންކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ކޮންމެ ވެސް ވަރަކަށް ކުޑަވި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނާ މިއަދު ހޯމް ސޯލާ މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފެނަކަ

އޭނާ ވިދާޅުވީ މިއަދު މި ފެށި މަޝްރޫއުގެ ދަށުން ދެ ކިލޯވޯޓާއި ފަސް ކިލޯވޯޓާ ދެމެދުގެ ސޯލާ ސިސްޓްމްތައް މާކެޓަށް ނެރެ، ގޭގައި ހަރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރާނެކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ކަރަންޓު ބިލުން ބޮޑު ބައެއް އުނިވެ ރައްޔިތުންނަށް އެތައް ގޮތަކުން ފަސޭހަތަކެއް ލިބޭނެކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ތަންފިޒުކުރާ ހޯމް ސޯލާ ޕްރޮގްރާމްގެ ތެރެއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޔަގީނުންވެސް އެންމެ މަދުވެގެން އެއް ހާސް އާއިލާއަށް ނޫނީ ގެއަށް ލިބިގެންދާނެ،" ސައީދު ވިދާލުވިއެވެ.

މިއީ މި ޕްރޮގްރާމްގެ ފެށުން ކަމަށް ވީ ނަމަވެސް ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު އަދި މިއަށް ވުރެ ފުޅާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ އަމާޒަކީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގެ 75 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނާ މިއަދު ހޯމް ސޯލާ މަޝްރޫއު ހަވާލުކުރީ 20 މިލިއަން ރުފިޔާ ދައުލަތުން އިންވެސްޓުކުރާ ގޮތަށެވެ. އެ ފަންޑުގެ ދަށުން ގޭގޭގެ ފުރާޅުގައި ސޯލާ ބެހެއްޓުމަށް ހަރަދު ކުރުމަށް ފައިސާ ދޫކުރާނެއެވެ.

މަޝްރޫއު ފެށުމުގެ ގޮތުން 1،000 ގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރާނެއެވެ. ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރާނީ ރަށް ރަށުގެ ފެނަކައިގެ އިންޖީނުގެ ތަކުންނެވެ. މި މަސައްކަތް ކުރާނީ ގޭބިސީ ތަކުގެ ކަރަންޓު ބިލަށް އަރާވަރާއި ފުރާޅުގެ ފެންވަރު ބެލުމަށް ފަހުގައެވެ.

comment ކޮމެންޓް