ބަނޑިދޫ ޔޫތު ޗެލެންޖު: މައިޝާން ސްޕޯޓްސް ބަލިކޮށް ޑޭޒީން ތަށި އުފުލައިލައިފި

ސަން ސިޔާމް ބަނޑިދޫ ޔޫތު ޗެލެންޖު ފުޓުބޯޅަ މުބާރާތުގެ ފައިނަލަށްދިޔަ ޑޭޒީ ސްޕޯޓްސް ކުލަބުން ތަށި އުފުލައިލަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

(ދ. ބަނޑިދޫން) ސަން ސިޔާމް ބަނޑިދޫ ޔޫތު ޗެލެންޖު ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މައިޝާން ސްޕޯޓްސް އެންޑް ރެކްރިއޭޝަން (އެމްއެސްއާރު) ބަލިކޮށް ޑޭޒީ ސްޕޯޓްސް ކުލަބުން ތަށި އުފުލައިލައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޑޭޒީން ކާމިޔާބު ކުރީ މިއަދުގެ މެޗު 4-3ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގައި ފަސް ޓީމަކުން ބައިވެެރިވިއެވެ. އެއީ މައިޝާން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މައިޝާން ސްނެޕާސް، ޔުނީކް ޕްލޭޔާ، ޔުނީކް އަދި ޑޭޒީ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

މިއަދު ކުޅުނު ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވުމަށް މީދޫ ދާއިރާގެ މެންބަރު، އަހްމަދު ސިޔާމް މުހައްމަދު ވަނީ ބަނޑިދުއަށް ވަޑައިގެންފައެވެ.

މިއަދު ހަވީރު ބަނޑިދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެމްއެސްއާރުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު ހަތެއް، އިމްރާން އަލީއެވެ.

އެމްއެސްއާރުގެ އެ ލަނޑަށް ފަހު ޑޭޒީން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެ ގޮތުން އެ ޓީމުން ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ވަނީ އޮފްސައިޑް ގޯލެއް ވެސް ޖަހައިފައެވެ.

ފުރަތަމަ ހާފު ނިމުނީ އެމްއެސްއާރު ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ޑޭޒީން ފުލުފުލުގައި ހަމަލާ އުފައްދަން ފެށިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، މެޗުގެ 51ވަނަ މިނެޓުގައި ޑޭޒީއަށް ނަތީޖާ ހަމަހަމަކޮށްދިނި އެ ޓީމުގެ ޖޯޒީ ނަންބަރު 11، އަފްރާހް އިބްރާހިމެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ނަގައިދިން ކޯނަރެއް ގޯލުގެ ތެރެއަށް ފޮނުވައިލައިގެންނެެވެ.

އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 56ވަނަ މިނެޓުގައި ޑެއިޒީން މެޗުގެ ލީޑު ނެގިއެވެ. އެ ޓީމުގެ ޖޯޒީ ނަންބަރު އަށެއް، ހުސައިން ހާފިޒް ސެންޓަ ސާކަލް ކައިރިން ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިއަކަށް ނުލިބި ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.

ޑޭޒީން ލީޑު ނެގުމުން، އެމްއެސްއާރުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. އަދި މެޗުގެ 64ވަނަ މިނެޓުގައި އެ ޓީމުން އެއްވަރު ކުރިއެވެ. އިމްރާން ނަގައިދިން ހުރަހަކުން އެ ގޯލު ކާމިޔާބު ކޮށްދިނީ، ޖޯޒީ ނަންބަރު ނުވައެއް، އުލާމްއެވެ.

މެޗުގެ ސްކޯ އެމްއެސްއާރުން ހަމަހަމަކުރި ނަމަވެސް 71ވަނަ މިނެޓުގައި ހާފިޒް، ޑެއިޒީއަށް ލީޑު ފުޅާ ކޮށްދިނެވެ. އަދި މެޗުގެ ފަހު ދިހަ މިނެޓު ތެރޭގައި އެ ޓީމުގެ ޖޯޒީ ނަންބަރު 10، މުއީޒް ދާއޫދު ވަނީ ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އެމްއެސްއާރުގެ ތިންވަނަ ގޯލު އެ ޓީމަށް މެޗުގެ 90ވަނަ މިނެޓުގައި ޖަހައިދިނީ އިމްރާންއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނި މެޗުގައި ޑެއިޒީއަށް ދެ ފަހަރު ވެސް ލީޑު ނަގައިދިން، ޖޯޒީ ނަންބަރު އަށެއް، ހާފިޒްއެވެ.

މުބާރާޔުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެމްއެސްއާރުގެ ޖާޒީ ނަންބަރު އެކެއް، އަލީ ހަމްދޫނެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޔުނިކްގެ ޖޯޒީ ނަންބަރު 12 މުހައްމަދު ހަންނާނު ހޫދެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޑޭޒީގެ ޖޯޒީ ނަންބަރު 19، އަބްދުﷲ ޒުހާންއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ފައިނަލު މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ހާފިޒަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޑޭޒީގެ ކޯޗު، އަހްމަދު ނާޒިމްއެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޔުނިކްއެވެ.

comment ކޮމެންޓް