މާޒިޔާގެ ދުވެއްޔަކަށް ބަދަލެއްނާދޭ، ދަ ގްރާންޑޭ ބަލިކުރީ ވެސް ބޮޑު ތަފާތަކުން

ޕްރެޒިޑެންޓްސް ކަޕް - މާޒިޔާ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ 6-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާއިން މި އަހަރުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މާޒިޔާއިން މި މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެއާ ހިލާފަށް ދަ ގްރާންޑޭއަށް މި މުބާރާތުގައި މޮޅެއް އަދި ހޯދިފައެއް ނުވެއެވެ. މާޒިޔާއިން އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް އާއި ވާދަކޮށް ވަނީ 2-1 އިން މޮޅުވެފައެވެ. ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އާ ބައްދަލުކޮށް ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިރޭގެ މެޗު ފެށިގެން މަޒިޔާ ވަނީ ބޯޅަ ހިފަހައްޓައިގެން ދަ ގްރާންޑޭގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ކޯނެލިއަސް ސްޓެވާޓް ވަނީ މާޒިޔާއަށް މެޗުގެ ފުރަތަމަ ގޯލު ޖަހާދީފައެވެ.

މި ގޯލަށް ފަހު ވެސް މާޒިޔާއިން ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެ ފުރުސަތު ތަކުގެ ބޭނުންނުހިފި ކޯނެލިއަސްގެ ގޯލުން މާޒިޔާ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުވެސް މާޒިޔާއިން ފެށީ ވަރުގަކޮށްށެވެ. ޕާސިން ގޭމެއް ކުޅެމުންދިޔަ މާޒިޔާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. މި ގޯލު ހަމްޕު ޖަހާފައި ވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ.

މީގެ ހަ މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތަށް ކުޅެން ނިކުމެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. މި ގޯލު ޖެހީ މާޒިޔާގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ އިއްބެގެ ބޮލުން ފޮނުވާލައިގެންނެވެ.

މި ގޯލަށް ފަހު ދަ ގްރާންޑޭއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ގޯލު ޖަހައިދިނީ އެ ޓީމުގެ ލަޔާން އަހުމަދެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 81 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ މެޗުގައި އެޓީމުގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ވެސް އިއްބެއެވެ.

މާޒިޔާއިން އެ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު އުމައިރުއެވެ. މި ގޯލު އުމެއިރު ޖަހާފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

އުމެއިރު ގޯލު ޖެހިތާ ފަސްވަނަ މިނެޓު ފަހުން މާޒިޔާއިން ވަނީ އެޓީމުގެ ހަ ވަނަ ގޯލު ވެސް ޖަހާފައެވެ. މި ގޯލާ އެކު މެޗުން ވަނީ 6-1 ގެ ނަތީޖާއަކުން ފަރަގު ބޮޑުކޮށް މާޒިޔާ މޮޅުވެފައެވެ.

މާޒިޔާ މޮޅުވުމާއެކު އެއް މެޗު އިތުރަށް ކުޅެ މާޒިޔާ ވަނީ ތާވަލްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު ޖެހިލާފައެވެ. އަދި މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ ތާވަލްގެ ފުލުގައި އެއް ޕޮއިންޓާ އެކުގައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު ނިކުންނާނީ ކުލްބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ 4:00 ގައެވެ.

comment ކޮމެންޓް