އޮރިޔާމުން މީހުން ގެންގުޅެގެން އާމްދަނީ އިތުރުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް އައްޝައިޚް އިލްޔަސް ހުސައިން ވިދާޅުވެއްޖެއެެވެ.
އިލްޔާސް މިހެން ވިދާޅުވީ ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް މ. ދިއްގަރުގައި އިފްތިތާހުކުރުމާ ގުޅިގެން މައްކާގައި ހުންނަވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
އިލްޔާސް ވިދާޅުވީ ގައުމަށް ލިބޭ އާމްދަނީ މަދުވެގެން އާމްދަނީ އިތުރުކުރުމަށް އިސްލާމް ދީނުގައި ހުއްދަ ނޫން ކަންކަން ފަށައިގެން ކުރިއަށް ގެންދިއުމަކީ ހަރާމް ކަމެއް ކަމަށެވެ.
"ލިބޭ އާމްދަނީ މަދުވެގެން އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަމާއި އިސްލާމީ އަޚްލާގިއްޔާތު ގެއްލިގެންދާ ފަދަ ކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ ބައެއް ކަންތައްތަކަކީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ކުރަން ޖެހޭނެ ކަމެއް ނޫން،" އިލްޔާސް ވިދާޅުވިއެވެ.
މާތްﷲ މި ދުނިޔެ މައްޗަށް ފޮނުވި ކޮންމެ މަޚްލޫގެއްގެ ރިޒްގު ވަނީ މާކުރީއްސުރެ ލިޔުއްވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ރިޒުގު އިތުރުކުރުމަށް ހަރާމް ގޮތްތަކެއް އިޚްތިޔަރު ކުރުމަކީ މާތްﷲ ގެ ކޯފާ އަތުވެދާނެ ކަމެއް ކަމުގައި ވެސް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ ލިބިފައިމިވާ އާމްދަނީގެ ބަރަކާތް އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
"ބަރަކާތް އިތުރުކުރުމަށްޓަކައި މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ ފަދަ ކަންތައްތަކެއް ކުރަންވީ. އެއްވެސް ހާލެއްގައި ﷲ އަށް އުރެދޭ ފަދަ ކަމެއް ކޮށްގެން ނުވާނެ،" އިލްޔާސް ވިދާޅުވިއެވެ.
ދިވެހި މުޖުތަމައުން އިސްލާމީ އަޚްލާގު ނެތިގޮސް އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އިސްލާމީ ވަންތަކަން ގެއްލޭނެ ފަދަ ކަމެއް އާމްދަނީ އިތުރުކުރުމަށް ކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
ރާއްޖޭގައި ހޯމް ސްޓޭ އިފްތިތާހުކޮށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ރިވެތި ސިފަތަކަށް އަސަރު ކޮށްފާނެ ކަމެއްކަމަށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ގޮވާލަމުންނެވެ.
އެގޮތުން ޖަމިއްޔަތުއް ސަލަތުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
މީގެ އިތުރުން ދިއްގަރުގެ ގިނަ ރައްޔިތުންތަކެއް ވެސް އަންނަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޮގޮތުން ދިއްގަރު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ހޯމް ސްޓޭ އާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ. އަދި މިއަދު ދިއްގަރުގެ ރައްޔިތުންތަކެއް ވަނީ އިލްމުވެރިންގެ ގުޅުމާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.