ހޯމްސްޓޭ ޓޫރިޒަމުން ގައުމުގެ އިސްލާމީ ސަގާފަތް ގެއްލޭނެ: ސަލަފް

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

ހޯމް ސްޓޭ ޓޫރިޒަމަކީ ދަރިންގެ އިއްފަތާއި، އަބުރު ގެއްލި، އާއިލާތައް ރޫޅުމުގެ އިތުރުން މި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެންދާނެ ކަމެއް ކަމަށް ޖަމިއްޔަތުލް ސަލަފުން ބުނެފިއެވެ.

ހޯމް ސްޓޭ ޓޫރިޒަމަކީ މީހުން ދިރިއުޅޭ ގެއެއްގައި ފަތުރުވެރިއަކު ފައިސާ ދީގެން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ.

ރާއްޖޭގައި ހޯމް ސްޓޭ ޓޫޒިޒަމް މިއަދު ވަނީ ތައާރަފް ކޮށްފައެވެ.

ޓޫރިޒަމްގެ މުޅިން އައު ކޮންސެޕްޓަކަށް، މި ފެށި ހޯމް ސްޓޭ ޓޫރިސްޓުންގެ ފުރަތަމަ ގުރޫޕަށް މ. ދިއްގަރުން ވަނީ ވަރަށް ހޫރު މަރުހަބާއެއް ދަންނަވާފައެެވެ.

ސަރުކާރުން ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ހޯސް ސްޓޭ ޓޫރިޒަމާ ގުޅުވައިގެން ސަލަފު ޖަމުއިއްޔާގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަރައްގީގެ ނަމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ތައާރަފުކޮށް، ބަނގުރާ އާއްމު ކުރުމަށް ޓަކައި ހައްދުފަހަނަ އަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އޭގެ ތެރެއިން ބައެއް ކަންކަން ރައްޔިތުން ނުކުމެ ހުއްޓުވާފައިވާއިރު އަނެއްބައި ކަންކަން ފައިސާގެ ދަހިވެތިކަން ދައްކައިގެން ރައްޔިތުން ލައްވާ މިހާރު ވެސް ކުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނައިރު އޭގެ ތެރެއިން ލިބޭ އިގްތިސޯދީ ނަފާއަށްވުރެ ރަށުގެ އަހްލާގީ ފޭރާން ވީދި ހަފުސްވެ، ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ސާދާ ތާހިރު ދިރިއުޅުން ނެތި ބައެއް މުޖުތަމައުތައް އަންނަނީ ހަލާކުވަމުން ކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޯތި ގެދޮރުތަކުގައި "ހޯމް ސްޓޭ" ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއްކަމަށް އެ ޖަމުއިއްޔާއިން ދެކޭ ކަމަށެވެ.

"ހޯމް ސްޓޭ ތައާރަފް ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ހިމާޔަތާއި ރައްކާތެރިކަމުގައި އަޅުގަނޑުމެންގެ ޖާނާއި މާލުން ގުރުބާންވާންޖެހޭ، އަޅުގަނޑުމެން އަހުލުންނާއި، ދަރިންގެ އިއްފަތާއި، އަބުރު ގެއްލި، ޢާއިލާތައް ރޫޅި، މިގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެ ކަމެއްކަން ކަށަވަރު،" ބަޔާނުގައި ބުނެފައިވެއެވެ.

ލިބޭ މާލީ މަންފާއަށް ޓަކައި ދަރިންގެ މުސްތަގްބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ޖަމްއިއްޔަތުއްސަލަފުން ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ވަނީ ހަލާލުގޮތުގައި ބޮޑު ނަފާ ލިބޭ އެހެން ދާއިރާތަކާއި ވިޔަފާރިތަކަށް މިސްރާބު ޖަހައި ގައުމުގެ ދީނާއި ދިވެހިންގެ ރިވެތި ދިރިއުޅުމުގެ ސާދާ އިސްލާމީ ވައްޓަފާޅި ސަލާމަތް ކުރުމަށް ހޯމްސްޓޭ ފަތުރުވެރިކަމުން ދުރުހެލިވުމަށް ގޮވާލައި އެންމެހައި ރައްޔިތުންނަށް ވަސިއްޔަތްކުރާ ކަމަށެވެ.

ސަލަފްގެ ބަޔާނުގައި ވަނީ ހޯމް ސްޓޭ ޓޫރިޒަމް ވަގުތުން ހުއްޓާލުމަށް ގޮވައިލާފައެވެ.

"ހޯމްސްޓޭ ތައާރަފްކުރުން ހުއްޓާލުމަށް މިފުރުސަތުގައި ސަރުކާރަށް ގޮވާލަމެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގައުމުގެ އިޖްތިމާޢީ ފޭރާން ހިފަހައްޓައި ދީނާއި ގައުމުދެކެ ލޯބިވާ ރިވެތި މަކާރިމުލް އަހްލާގުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދޭ ކަމަށެވެ.

ރާއްޖެއަށް ހޯމް ސްޓޭ ތައާރަފް ކުރުމަށް ޓަކައި ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ދަތުރު ކުރެއްވި އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި ބ. އަތޮޅާއި ހދ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅު ހިމެނެއެވެ.

comment ކޮމެންޓް