"ކޮމިއުނިޓީ އޮންލައިން ޝޮޕްގެ" ނަމުގައި މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވައިފި

"ކޮމިއުނިޓީ އޮންލައިން ޝޮޕްގެ" ނަމުގައި މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

"ކޮމިއުނިޓީ އޮންލައިން ޝޮޕްގެ" ނަމުގައި މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވައިފިއެވެ.

ލޯކަލް އުފެއްދުންތެރިންނަށް އަމާޒުކޮށްގެން މި ޝޮޕް ހުޅުވައިފައިވަނީ މިކަމަށް ހާއްސަކޮށްގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް ޕޯސްޓުން މިފަދަ މުހިންމު ހިދުމަތެއް ރައްޔިތުންނާ ހަމައަށް ގެނެސްދިން ކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު ދެންނެވިއެވެ.

"ކޮމިއުނިޓީ އޮންލައިން ޝޮޕްގެ" ނަމުގައި މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި ފިހާރައަކީ ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް އެ ފަރާތްތަކުގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ޕްލެޓްފޯމުގައި ގާއިމްކުރެވިފައިވާ ވާޗުއަލް ފިހާރައެކެވެ.

އީ ޓުކުރި ޕްލެޓްފޯމުގައި މިފަދަ ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރާއްޖެގައި ތިބި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ބާޒާރެއް ހޯދައިދީ، މޯލްޑިވްސް ޕޯސްޓުގެ ނޭޝަން ވައިޑް ޑެލިވެރީ ނިޒާމުގެ ތެރެއިން ގަންނަ ފަރާތްތަކާ ހަމައަށް އެ އުފެއްދުންތައް ފޯރޮކޮށްދިނުމެވެ.

ހުރިހާ އަތޮޅެއްގައި ގާއިމްކޮށްފައިވާ ޕޯސްޓު އޮފީސްތަކުން މި ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ. އަދި އެހެނިހެން ރަށްރަށުގައި މި ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަަސައްކަތް ވެސް ކުރިއަށް ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ޕޯސްޓުގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ އުފެއްދުންތެރިންގެ އުފެއްދުންތަކަށް މި އޮންލައިން ބާޒާރުގެ ތެރެއަށް ވަނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށްވެސް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.

މިއީ އީ-ސޮލިއުޝަންގެ އެހީގައި، ޕޯސްޓުގެ ޑޮމަސްޓިކް އޮޕަރޭޝަންސް އަތޮޅުތެރެއަށް ފުޅާކުރުމަށް މަސައްކަތްތަކަށް އެޅޭ މުހިންމު ބިންގަލެއް ކަމުގައި މޯލްޑިވްސް ޕޯސްޓުން ދެކެއެވެ.

comment ކޮމެންޓް