ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ރާޝިދުގެ ކެންޑިޑެސީ ވެސް ބަލައިގަނެފި

ބައި-އިލެކްޝަންސްގައި ކުރިމަތިލުމަށް މުހަންމަދު ރާޝިދު އެލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވަނީ--- ފޮޓޯ/އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި މުހައްމަދު ރާޝިދުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ޝަރުތު ރާޝިދުގެ ކިބައިގައި ފުރިހަމަ ވެފައިވާކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިގަތީ މިރޭގެ ވަގުތެއްގައެވެ. އޭނާ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައެވެ.

ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ކުރިން ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. އަދި އޭނާ އަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅާއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ރާޝިދުގެ އިތުރުން ކުރިމަތިލާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސްއެވެ. އޭނާގެ ކެންޑިޑެސީ ވަނީ މި މަހުގެ 27 ވަނަ ދުވަހު ބަލައިގަނެފައެވެ.

ދެން މި ދާއިރާއަށް ވާދަކުރައްވާ އަނެއް ބޭފުޅަކީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުސާ ފަތުހީ އާދަމެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާވާނެކަމަށް އިއުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

comment ކޮމެންޓް