ކަފަބުރު ހިމެނޭހެން ގިނަ އަދަދެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުން މަނާކޮށްފި

ޕްލާސްޓިކް ދަނޑިކޮޅުލައިފައިވާ ކަފަބުރު ހިމެނޭހެން ގިނަ އަދަދެއްގެ ޕްލާސްޓިކް އުފެއްދުން ރާއްޖޭގައި މަނާކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާ މިއަދު ގެޒެޓު ކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ ވަކި ތާރީހަކުން ފެށިގެން މަނާ ކަމެއް ކަމަށެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
    ބާޒާރު ކުރަން ބޭޏުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
  • 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
    ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން

އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި 2023 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮސކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް