މެދުއިރުމަތީގެ ޔަހޫދީ ދައުލަތް، އިޒްރޭލުން ސީރިއާގެ ގޯލާން ހައިޓްސްގައި މީހުން އާބާދުކުރާ މިންވަރު އިތުރު ކުރަން ނިންމާފައި ވާތީ ސީރިއާއިން އެކަން ކުށްވެރިކޮށްފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ސީރިއާގެ ގޯލާން ހައިޓްސްގައި، އިޒްރޭލުން އާބާދުކުރާ މީހުންގެ އަދަދު ދެ ގުނައަށް އިތުރު ކުރުމަށްޓަކައި މިލިއަނުން ޑޮލަރު ހޭދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުގެ ކެބިނެޓުން ވަނީ އެ ސަރަހައްދުގައި 7300 ހައުސިން ޔުނިޓް އެޅުމަށް ބްލޫޕްރިންޓެއް ފާސްކޮށްފައެވެ.
ސީރިއާއިން ވަނީ އިޒްރޭލުގެ އެ ނިންމުމަކީ ނުރައްކާތެރި ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ސީރިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި އިޒްރޭލުގެ އަމަލުތަކާ ދެކޮޅު ހަދާ ސީރިއާގެ ރައްޔިތުންނާއެކު އަބަދުވެސް ތިބޭނެ ކަމަށް ބުނެފައެވެ.
ގޯލާން ހައިޓްސް އަކީ މީގެ 50 ވަރަކަށް އަހަރު ކުރިން އިޒްރޭލުން ހިސޯރުކުރި ސީރިއާގެ ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 1200 ސްކޮޔަ ކިލޯމީޓަރު ހުރިއިރު، އިޒްރޭލުން އެ ތަން ހިސޯރުކުރީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައެވެ.