1.3 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި 1.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލު ވުމަށް މިސްރާބު ޖަހައިފި ކަމަށާއި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް ރޭ ވިދާޅުވީ، މި އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު އޮކްޓޯބަރު މަހުގެ ފަހުކޮޅު ހާސިލުވި ކަމަށާއި، އެއީ ހީކުރި ވަރަށް ވުރެ ދެ މަސްދުވަސް ކުރި ކަމަށެވެ. އެހެންކަމުން މިހާރުގެ އަމާޒު ކަމުގައިވާ 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ ކަމަށް މައުސޫމް ލަފާކުރެއްވިއެވެ.

މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް 10.7 މިލިއަން ހުރަސްކޮށް، ކަނޑައެޅި އަމާޒު ހާސިލުވީ މި މަހުގެ މެދުތެރޭގައެވެ. އެއީ 2019 ވަނަ އަހަރުގެ ޓޫރިޒަމް ބެޑްނައިޓްސް ރެކޯޑު މި އަހަރު ތެރޭގައި މުގުރާލެވޭނެ ކަމަށް ޑރ. މައުސޫމް މި މަހުގެ ކުރީކޮޅު އަންދާޒާ ކުރައްވާފައި ވަނިކޮށެވެ.

މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ފަތުރުވެރިންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން އިތުރު ކުރީ، ސަރުކާރުން ލަފާކުރި ވަރަށް ވުރެ އަވަހަށް ކޮވިޑް19ގެ ވެކްސިން ލިބުމުން ކަމަށް މީގެ ކުރިން މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެދުވަހު ރާއްޖެއަށް 6،955 ފަތުރުވެރިން އައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،494 ފަތުރުވެރިންނެވެ. އަދި 2019 ގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

comment ކޮމެންޓް