ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ބްރެޒިލްގެ ރަމްޒުދާރު ޕެލޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ދޫކޮށްލިނަމަވެސް ޓިއުމަރަށް އަދިވެސް ފަރުވާ ކުރަމުން ގެންދާނެ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.
މީގެ ދެ އަހަރު ކުރިން ފްރާންސްގެ ޕެރިހުގައި ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާއްޕޭއާ އެކު އިސްތިހާރެއް ކުޅުމަށް ގޮސް އުޅުމުގެ ތެރޭގައި ޔޫރިނަރީ އިންފެކްޝަނެއްގެ ސަބަބުން ޕެލޭ ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އަދި ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނަގަން ބޮޑު އޮޕަރޭޝަނެއް ކޮށް ދާދި ފަހުން އޭނާއަށް ކީމޯތެރަޕީ ދޭން ވަނީ ފަށާފައެވެ. މީގެ ކުރިން އޮޕަރޭޝަނަށްފަހު އޭނާ ގެއަށް ދޫކޮށްލިއެވެ. ނަމަވެސް އޭގެ ފަހުން މި މަހުގެ އަށް ވަނަ ދުވަހު ޕެލޭ ވަނީ އަލުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
މި އަހަރުގެ އެންމެ ފަހު ކީމޯތެރަޕީ ހެދުމަށް ހޮސްޕިޓަލަށް ދިއުމަށްފަހު އޭނާއަށް އިތުރު ގޮތްގޮތުން ވެސް ފަރުވާ ދީފައިވެއެވެ. އަދި ކުރިއަށް ވުރެ އޭނާގެ ހާލަތު ރަނގަޅުކަމަށް ޕެލޭ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ބްރެޒިލްގެ ލެޖެންޑް ޕެލޭއަށް ފަރުވާ ދިނީ މަޝްހޫރް އެލްބާޓް އެއިންސްޓައިން ހޮސްޕިޓަލުގައެވެ. އޭނާ ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ.
އޭނާ އެ ބައްޔަށް އެންމެ ފުރަތަމަ ފަރުވާ ހޯދަން ފެށީ 2019 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ ބައްޔަށް ލުޔެއް ލިބުނު ދުވަހު އޭނާ ވަނީ އޭނާގެ ހުރިހާ ފޭނުން ދެމުން ދިޔަ ހިތްވަރަށް ޝުކުރުކޮށް ޓުވީޓު ވެސް ކޮށްފައެވެ.
"އަހަރެންގެ ހުރިހާ ރަހުމަތްތެރިން، އަހަރެން ވަރަށް އުފާ ވެއްޖެ މިއަދު ތި އެންމެން ގާތު އަހަރެންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ހަބަރު ދިނުމުގެ ފުރުސަތު ލިބުނީމަ،" ޕެލޭ ކުރި ޓްވީޓެއްގައި އޭނާ ބުންޏެވެ.
"އަހަރެންނަށް ފަރުވާދިން އެލްބާޓް އެއިންސްޓައިން ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނަށާއި އަހަރެންގެ ހާލު ރަނގަޅުވޭތޯ ހެޔޮ ދުއާ ކޮށްދިން އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް ކުރިމަގަށް މި ބަލަނީ."
ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނަގަން ދާދި ފަހުން ޕެލޭ އޮޕަރޭޝަނެއް ކުރިއިރު، އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރުވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ ބްރެޒިލްއާއެކު ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުމެވެ. އެއާއެކު ޕެލޭ ވެފައިވަނީ ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. ޕެލޭ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ. މީގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ދާދި ފަހަކާ ޖެހެންދެން އޮތީ ޕެލޭގެ އަތުގައެވެ.
އޭނާ އަކީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނެސް އެ ކުޅިވަރުގެ ފޯރި މުޅި ދުނިޔޭގައި ގުގުމާލުމަށް އެންމެ ބުރަކޮށް މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން އައި އެކަކެވެ.