މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާއެއް އުފުލައިފިއެވެ.
ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ހޯދައި, ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ހަމަ އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) އެވެ.
އެ މަސްތުވާތަކެތި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި އަލީ ޝާކިރުގެ މައްޗަށް ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައެވެ.
އެ ދެ މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަސްޓޯޑިއަލް ޖަލެއްގައެވެ. ތަހުގީގު ނިމުމުން ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ޝަރީއަތް ނިމެންދެން ދެ މީހުން ބަންދުކޮށްފައިވަނީ, ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ހުރުމުން ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި މަޑުއްވަރީގައި ދިރިއުޅުނު އެ ދެ މީހުންނަކީ ގާތް ދެ އެކުވެރިންނެވެ. އޭގެ ތެރެއިން ޝާކިރަކީ އެ ރަށުގައި ތަފާތު އެކި ވިޔަފާރިތައް ކުރަމުން އަންނަ މީހެކެވެ.