ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށް ކަށަވަރުވެއްޖެވެ.
ރާޝިދަށް އެ ޓިކެޓް ކަށަވަރުވީ ސުންގަޑި ހަމަވިއިރު، ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ އޭނާ އެކަނި ކަމުގައިވާތީއެވެ.
ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި މި ފުރުސަތު ހަމަވާ ސުންގަޑިއަކީ މިއަދު ހަވީރު 4:00 ކަމަށް އެ ޕާޓީން ވަނީ އިއުލާން ކޮށްފައެވެ.
މިހާރު ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި ރާޝިދަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮމަށްޑޫ ދައިރާގެ ނައިބުރައީސްވެސް މެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އެވެ. ނަމަވެސް އެ ދެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައަޅާފައެއްނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބައި އިލެކްޝަން ބާވާނެކަމަށް އިއުލާންކޮށްފައެވެ.