އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް"ގެ ނަމުގައި ފަށައިގެން އުޅޭ ހަރަކާތައް އެމްޑީޕީގެ އެކި ބޭފުޅުން އަންނަނީ ފާޑުވިދާޅުވަމުންނެވެ.
މިއަދު ބޭއްވި އެމްޑީޕީގެ މާލޭ ސިޓީ ކޯކަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަންޖެހޭ ހަރަކާތެއް ކަމަށެވެ.
"އަޅުގަނޑު މިހެން މި ދަންނަވާ ސަބަބަކީ މަސްތުވާ ތަކެއްޗާ. އިންސާނީ ވަގުފާރިއާ. ހަމައެހެންމެ ހަތިޔާރު ވިޔަފާރިއާ. މި އެންމެހައި ކަންކަން ހިންގާ ޗެނަލެއް ގޮތަށް މި ރާއްޖެ ހިމެނިފައި މި އޮތީ މި ސަރަހައްދު އިންޑިއާ ކަނޑުގައި. މި ތަން ގުޅުވައިލުމުގެ ބޭނުމުގައި ބަޔަކު އެކަން އެކަން ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރަން،" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.
އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީވާ ގައުމެއް ކަމަށާއި، މި ހަރަކާތުގެ ސަބަބުން އަވަށްޓެރި އިންޑިއާ ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ ރައްޔިތުންނަށް އޮންނަ ގަދާރައި އިހްތިރާމް ނެތިގޮސް ނަފްރަތަށް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ އަޅުގަނޑުމެންގެ މި ރާއްޖެ އަކީ، އިންޑިއާ މާ ކަނޑުގައި އޮތް ރާއްޖެ އެއް. އަޅުގަނޑުމެންނަށް އެންމެ އިހްލާސްތެރި އެއް ގައުމަކީ އިންޑިއާ. އަޅުގަނޑުމެންނަށް ކޮންމެ ކަމެއްގައި އެހީތެރިވާން އޮތް ގައުމަކީ އިންޑިއާ،" ހަސަން ލަތީފް ވިދާޅުވިއެެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ހާރިޖީ ސިޔާސަތު ތަކަށް ބިރައްޓެހި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގުއި ކޮމަންވެލްތުން ރާއްޖެ އެކަހެރި ކޮށްލައި އެހެން ގައުމުތަކާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތަކުން ވަކިވެ އަވަށްޓެރި ގައުމުތަކާ އަރާރުންވި ކަމުގައި ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެއަށް އައި ނިކަމެތި ހާލަތުން އަރައިގަނެވުނީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުންކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ރައީސް ޔާމީން އިސްވެ ހުންނަވައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ މާލޭގައި އެއްވުންތަކެއް ބާއްވަމުންނެވެ. މި ހަރަކާތް އަތޮޅުތެރެއަށް ފުޅާކުރަން ނިންމާފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ޕީޕީއެމްއިން ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ދިވެހި ފަސްގަނޑުގައި އިންޑިއާގެ ސިފައިންނަށް ޖާގައެއް ނެތް ކަމަށެވެ.